10 May 2012, 22:11
ލަންޑަން (މޭ 10): ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގަތުމާގުޅިގެން ރައީސް ކަމުން ދުރުވެވަޑައިގަތުމަށް ހަމަޖެހިފައިވާ ނިކޮލައި ސަކޯޒީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ތަހުގީގު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންޑަންގައި ނުކުންނަ "ޑެއިިލީ ޓެލެގްރާފް" ނޫސް ބުނެފި އެވެ.
މިނޫސް ބުނާ ގޮތުން ސަކޯޒީގެ ވެރިކަމުގައި ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު މީގެތެރެއިން ބައެއް މައްސަލަތަކުގެ ފަހަތުގައި ސީދާ ސަކޯޒީ ހުންނެވިކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އަދި އަނެއްބައި މައްސަލަތައް ހިނގާފައި ވަނީ ސަރކޯޒީއަށް އެނގިވަޑައިގެން ކަމަށް ވެސް ތުހުމަތު ކުރެވިފައިވެ އެވެ.
"ޑެއިިލީ ޓެލެގްރާފް" ބުނާ ގޮތުން ފަރަންސޭސި ފުލުހުންނާއި ފަރަންސޭސި އެހެން މުއައްސަސާތަކުން މިމައްސަލަތައް ވަރަށް އަވަހަށް ތަހްޤީޤްކުރަންފަށާނެ އެވެ. ނަމަވެސް މިތަޙްޤީޤްތައް ފަށާނީ އިންތިޚާބީ ރައީސް ފްރާންސްވާ އޮލާންޑޭ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ސަކޯޒީ އަށް ލިބިވަޑައިގަންނަވާ ޤާނޫނީ ރައްކާތެރިކަމުގެ ތިން މަސް ދުވަސް ނިމުމަށްފަހުގައި ކަމަށާއި މިމައްސަލަތައް ތަޙްޤީޤް ކުރުމަށް ފަހު ފަހަރުގައި ސަކޯޒީ ޝަރީޢަތަށް ޙާޒިރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފަރަންސޭސި ބައެއް ދާއިރާތަކާ ޙަވާލާދީ "ޑެއިިލީ ޓެލެގްރާފް" ބުނެ އެވެ.
ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމަށް ފަހު ސަކޯޒީ ވަނީ ސިޔާސީ ކަންކަމާ ދުރަށްވަޑައިގެން ކުރީގައި އަދާކުރެއްވި ޕްރައިވެޓް ވަޒީފާ އަލުން އަދާކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ވެރިކަމަށް ވަޑައިގަތުމުގެކުރިން ސަކޯޒީ އަދާކުރެއްވީ ޕެރިސް ކުންފުނީގެ ޤާނޫނީ ވަކީލެއްގެ މަޤާމެވެ. އެ ކުންފުންޏަކީ ސަކޯޒީގެ އަމިއްލަ ޙިއްސާ ވެސް އޮންނަ ކުންފުންޏެއް ކަމަށް ޚަބަރު ލިބެ އެވެ.
ވެރިކަމުން ފާބައިވަޑައިގަތުމަށް ފަހު އަނބިކަނބަލުން ކާލާ ބްރޫނީ އާއި ހަނގުދަރިކަނަބަލުންނާ އެކު ފުރަތަމަ ވަޑައިގަންނަވާނީ ޗުއްޓީ އަކަށްކަމަށާއި އެއަށް ފަހު ޕެރިސް ކުންފުނީގެ ޤާނޫނީ ވަކީލުކަމުގެ މަޤާމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ސަކޯޒީ ވަނީ ވިދާޅުވެފަ އެވެ.
ސަކޯޒީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ތެރޭގައި ކޭންޕޭން ކުރެއްވުމަށް ޓަކައި ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ އަތްޕުޅުން 65 މިލިޔަން ޑޮލަރު ހޯއްދެވުމާއި ފަރަންސޭސި އަންހެން ބިލިޔަނަރެއް ކަމަށްވާ ލީލިޔާން ބިތާންކޯގެ އަތްޕުޅުން ވެސް އެތަށް ބިލިޔަން ޑޮލަރެއް ހޯއްދެވުން ފަދަ މައްސަލަތައް ހިމެނެ އެވެ. (ޑެއިލީ ޓެލެގްރާފް)