11 Sep 2023, 17:58
ހަނޯއި (11 ސެޕްޓެމްބަރު 2023): ޗައިނާގެ ބެލްޓް އެންޑް ރޯޑު މަޝްރޫއާ ވާދަވެރި މަޝްރޫއެއް އިއުލާނު ކުރެއްވުމަށްފަހު ޗައިނާ އެކަހެރިކޮށް ޗައިނާ ސައިޒުކޮށްލުމުގެ ރޭވުމެއް އަދި ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ޖީ20ގެ ގައުމުތަކުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ވިއެޓްނާމްގެ ވެރިރަށް ހަނޯއިއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ ޖީ20ގެ ސަމިޓުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުވާނެކަމަށް އުންމީދު ކުރެއްވިކަމަށާއި ނަމަވެސް ޝީ އެ ސަމިޓަށް ވަޑައިނުގަތުމުން އޭނާއާ ބައްދަލުވާގޮތް ނުވީތީ ދެރަވާ ކަމުގައެވެ.
ބައިޑެން އިތުރަށް ވިދާޅުވީ އޭނާ އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ ޗައިނާ އެކަހެރިކޮށް ޗައިނާ ސައިޒުކުރުން ނޫންކަމަށާ ޗައިނާގެ އަވަށްޓެރި ވިއެޓްނާމަށް އޭނާ ކުރައްވާ ދަތުރުފުޅު ގެ މަގްސަދު ނުބައިގޮތަކަށް މާނަ ނުކުރުމަށް ޗައިނާގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގައެވެ.

ޗައިނާއާ ވާދަކުރާ އެމެރިކާގެ މަޝްރޫއު އިސްރާއީލު ހުރަސްކޮށް ޔޫރަޕަށް (އިސްރާއީލުގެ ބޮޑުވަޒީރު އެމަޝްރޫއަށް މަރުހަބާ ކިޔަނީ)
ބައިޑެން މިމޭރުމުން ވާހަކަ ދެއްކެވީ އޭނާ ވިއެޓްނާމަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އަދި އިންޑިއާގައި ބޭއްވި ޖީ 20 ގެ ސަމިޓްގައި ޗައިނާގެ ބެލްޓް އެންޑް ރޯޑު މަޝްރޫއާ ވާދަވެރި މަޝްރޫއެއް އިއުލާނު ކުރުމަށްފަހުގައެވެ. މިމަޝްރޫއުގެ ނަމަކީ "ބައިޑެން ކޮރިޑޯ" އެވެ.
ވިއެޓްނާމް އަކީ ޗައިނާ ގައި އޮންނަ ފަދަ ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ގައުމެކެވެ. އެެހެން ނަމަވެސް މިދެގައުމަކީ ޒަމާނުއްސުރެ ވަރަށް ވާދަވެރި ދެގައުމެވެ. ދެގައުމުގެ ވާދަވެރިކަމުގެ ފަހަތުގައިވަނީ ކޮމިއުނިޒަމް ޕްރޮމޯޓް ކުރުމެވެ.
ވިއެޓްނާމް ދެކޭގޮތުގައި އެންމެ ރަނގަނޅަށް ކޮމިއުނިސްޓް ސިސްޓަމް ހިންގައި ޕްރޮމޯޓް ކުރަނީ އެގައުމުންނެވެ. ޗައިނާއެއް ނޫނެވެ. ނަމަވެސް ޗައިނާ ދެކޭގޮތުގައި އެންމެ ކާމިޔާބު ކޮމިއުނިސްޓް ނިޒާމެއް ގެންގުޅެނީ އެގައުމުންނެވެ.
އެމެރިކާ ގެންދަނީ ޗައިނާއާއި ވިއެޓްނާމް އާދެމެދު އޮންނަ މި ވާދަވެރިކަމުގެ ތެރެއަށް ވަދެ މިދެގައު ފިތުނަވެރިކުރުވަން މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ސިނާއީގޮތުން ޗައިނާ އާ ވާދަކުރެވޭވަރުގެ ގައުމަކަށް ވިއެޓްނާމު ހެދުމަށްޓަކައި އެމެރިކާ ގެންދަނީ އެގައުމުގެ ކުންފުނިތައް މެދުވެރިކޮށް ވިއެޓްނާމުގައި ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންނެވެ. ނަމަވެސް ވިއެޓްނާމަކީ އެމެރިކާ ޕްރޮމޯޓްކުރާ ހުޅަނގުގެ ލެބެރަލް ފިކުރާއި ހުޅަނގުގެ ޑިމޮކްރަސީއާ ވަރަށް އިދިކޮޅު ކޮމިއުނިސްޓް ގައުމެމެވެ.
ބައިޑެން ވިއެޓްނާމަށް ވަޑައިގަންނަވާތީ ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ބައިޑަން ވިއެޓްނާމަށް ވަޑައިގެން ސަރަހައްދީ މަސްލަހަތަށް ގެއްލުންވާފަދަ ކަމެއް ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެއިތުރުން ޗައިނާގެ އަވަށްޓެރި އެހެން ގައުމުތަކުގައިވެސް ޗައިނާއާ އިދިކޮޅު ރޫހު އުފައްދައި އެގައުމުތަކާއި ޗައިނާއާދެމެދު ފިތުނަކުރުވައި ޗައިނާއާ ދެކޮޅަށް އަޑުއުފުލުމުގެ ރޫހު އެގައުމުތަކުގައި އުފެއްދުމަށް ހިއްވަރު ނުދެއްވުމަށްވެސް ޗައިނާގެ ބަޔާނުގައިވަނީ ބައިޑެން އަށް ނުސީދާގޮތެއްގައި އިލްތިމާސް ކޮށްފައެވެ.

ޗައިނާގެ މަޝްރޫއާ ވާދަކުރާ އެމެރިކާގެ މަޝްރޫއު
މިއީ ދާދިފަހުން ޗައިނާ ނެރުނު އެގައުމުގެ ޗާޓުގައި ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއް ހިމަނާފައިވާތީ އެކަމާމެދު ޗައިނާގެ އަވަށްޓެރި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ނާޖާއިޒު ފައިދާނަގަން އެމެރިކާ އުޅޭތީ އެކަމަށް ޗައިނާއިން ކުރި އިޝާރާތެއްކަމަށްވަނީ ބެލެވިފައެވެ.
ވިއެޓްނާމުގައި ދެއްވި ބަޔާނުގައި ބައިޑަންވަނީ އޭނާގެ ދަތުރުގެ ބޭނުމަކީ ވިއެޓްނާމާއެކު އެމެރިކާ ގެންގުޅޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި އެމެރިކާގެ އިތުރު އިންވެސްޓްމަންޓްތައް ވިއެޓްނާމަށް ލިބޭނެ ގޮތްތަކާބެހޭގޮތުން އެގައުމުގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވުމެވެ.
މީގެއިތުރުން ބައިޑެންވަނީ އެމެރިކާ ވިއެޓްނާމާއެކު ގުޅުންތައް ބަދަހިކޮށް އެމެރިކާގެ އިތުރު އިންވެސްޓްމަންޓްތައް ވިއެޓްނާމަށް ދޭން މަސައްކަތްކުރަނީ ވިއެޓްނާމު މެދުވެރިކޮށް ޗައިނާއަށް ގެއްލުންދިނުމުގެ ބޭނުމުގައި ނޫންކަމަށްވެސް ވިދާޅުވެފައެވެ.
ދުނިޔޭގައި ހަމަޖެހުމާއި ގާއިމުކުރުމަކީ އެމެރިކާވެސް އެންމެ އެދޭގޮތްކަމަށް ބައިޑެން ވިދާޅުވިއެވެ. ޗައިނާގެ ބައެއް މީޑިއާތަކުން ބައިޑެންގެ މިވާހަކަތަކަށް ތާރީފުކުރިނަމަވެސް އެމެރިކާގެ ބަހާއި އަމަލު ގިނަފަހަރު ދިމާނުވާކަން ޗައިނާގެ މީޑީއާ ތަކުންވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ޖީ 20 ގެ ގައުމުތަކުގެ ސަމިޓްގައި ޗައިނާގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ޝީޖިންޕިންގެ ބަދަލުގައި ޗައިނާގެ ބޮޑުވަޒީރެވެ. ޝީ އިންޑިއާއަށް ވަޑައިނުގެންނެވީ ޗައިނާ ނެރުނު އެގައުމުގެ ސަރަހައްދީ އިމުގެ ޗާޓުގެ ސަބަބުން އިންޑިއާ ނުރުހިފައިވާތީ ދެގައުމުގެ ގުޅުންތައް ގޯސްވެފައިވުމުގެ ސަބަބުންނެވެ.
ޖީ 20 ގެ ސަމިޓްގެ އަރިމަތީގައި އެމެރިކާ އިސްވެއޮވެގެން އިންޑިއާއާއި ޔޫރަޕްގެ ބާރުތަކާ ގުޅިގެންވަނީ އިންޑިއާއިން ޔޫރަޕަށް ތަކެތި ގެންދެވޭގޮތަށް (ގަލްފާއި ސައޫދީ ހުރަސްކޮށް) އެއްގަމާއި ކަނޑު ހިމެނޭގޮތަށް ވިޔަފާރީގެ ކޮރިޑޯއެއް ބިނާކުރުމުގެ މަޝްރޫއެއް އިއުލާނުކޮށްފައެވެ.
މި ކޮރިޑޯ ޔޫރަޕަށް ގެންދަނީ ގަލްފާއި ސައޫދީ ހުރަސްކޮށް އިސްރާއީލު ތެރެއިންގޮސް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށެވެ. މި ކޮރިޑޯގެ އެއްކޮޅަކީ އިންޑިއާ އެވެ. އަނެއްކޮޅަކީ އިޓަލީއެވެ. އެއަށްފަހު އެހެން މަރުހަލާއެއްގައި ފަރަންސޭސިވިލާތާއި ޖަރުމަނުވެސް އެއްގަމުމަގުން ސީދާގޮތެއްގައި މިކޮރިޑޯއާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ޗައިނާ ދުނިޔޭގައި ގާއިމް ކުރަމުންގެންދާ ވިޔަފާރީގެ ބިޔަ ކޮރިޑޯކަމަށްވާ ބެލްޓް އެންޑް ރޯޑުގެ ނިޒާމާ ވާދަކުރުމުގެ ގޮތުން އިންޑިއާއާއި ޔޫރަޕްގެ ބާރުތަކުގެ އެހީގައި ޗައިނާއާ ވާދަކުރަން އެމެރިކާ ގެންގުޅޭ ވިސްނުމުގެ ދަށުން އިންޑިއާ ބޭނުންކޮށްގެން ހިންގާ އިގްތިސާދީ ކޮރިޑޯ މަޝްރޫއެކެވެ.
އެމެރިކާގެ މި މަޝްރޫއުގައި އިންޑިއާގެ އިތުރުން ޔޫރަޕްގެ ބާރުތަކާއި ސައޫދީއާއި ޔޫއޭއީވެސް ބައިވެރިވެއެވެ. ސައޫދީ އާއި ޔޫއޭއީ މިމަޝްރޫއުގައި ބައިވެރިވަނީ ދުނިޔޭގެ ބޮޑުދެބާރުކަމަށްވާ ޗައިނާއާއި އެމެރިކާ އާއެކު އެއްވަރުގެ ބެލަންސް ގުޅުންތަކެއް ބޭއްވައި ވަކިކޮޅަކަށް ސީދާގޮތެއްގައި ބުރަނުވުމަށް އެދެގައުމު މިިހާރު ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ސައޫދީ އާއި ޔޫއޭއީ އަކީ ޗައިނާގެ ވިޔަފާރީގެ މަޝްރޫއުކަމަށްވާ ބެލްޓް އެންޑް ރޯޑުގައިވެސް ބައިވެރިވާ ދެގައުމެވެ.