11 Sep 2023, 14:45
ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ކައުންސިލްގައި މަޝްވަރާ ކުރުުމަށް ފަހު ނިންމާ ގޮތެއް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ތާރީޚީ ދަށް ނަތީޖާއެއް ލިބުނު ފަހުން އެ ޕާޓީން ރަސްމީ ގޮތެއްގައި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.
ނަމަވެސް މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވޯޓުދިން މީހުންނާއި ކެމްޕޭންގައި ހަރަކާތްތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
އެ ޕާޓީން ބުނީ ގައުމުގެ އިސްލާހަށާއި ދިވެހިންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
"ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިގުތިސާދީ ދުޅަހެޔޮކަމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމިއޮންނާނެ ކަމުގައި ދަންނަވަމެވެ." ޖޭޕީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ ގައުމުގެ މަސްލަހަތަށްޓަކައި، އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު، ކައުންސިލުން ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ޖޭޕީން އެ ބަޔާން ނެރުނު އިރު، އެ ޕާޓީއާ އެކު ކޯލިޝަން ނުހަދާން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފައިވާ ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެތައް އެޑްވައިޒަރުންނަކާއެކު އިންތިޚާބަށް ނުކުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް މި އިންތިޚާބުގައި ލިބުނީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓުލި 220،000 އެއްހާ މީހުންގެ ތެރެއިން 2.4 ޕަސެންޓެވެ. މިއީ 23،000 މެންބަރުން ތިބޭ އެ ޕާޓީގެ ތާރީޚުގައި ވެސް ލިބުނު އެންމެ ދަށް ނަތީޖާއެވެ.
މީގެ ކުރިން ގާސިމް ދެ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިއިރު ރަނގަޅު ނަތީޖާއެއް ހޯއްދެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ 27056 ވޯޓް ހޯދާފައެވެ. އެއީ ވޯޓްލީ މީހުންގެ 15.32 ޕަސެންޓެވެ. ދެން ގާސިމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާން ވަނީ 48131 ވޯޓް ހޯދައިފައެވެ. އެއީ ވޯޓްގެ 23.34 ޕަސެންޓެވެ. އެ ފަހަރު ދެވަނަ ބުރަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމާ އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެހާސް އަށާރަވަނަ އަހަރު ގާސިމް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ކަމަށްވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ.
ރިޔާސީ އިންތިޚާބުގައި 100،959 ވޯޓާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު ވަނީ ދެވަނަ ބުރުގެ ވޯޓުލުމާ ހަމައަށް ދާއިރު މިހާރު އޮތް އެމްޑީޕީ ކޯލިޝަނާ ގުޅި، އިތުރު ދެ ތިން ބައެއްގެ ބައިވެރިވުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންބައެއްކަން ރައީސް ހާމަނުކުރައްވައެވެ.