10 May 2012, 21:53
އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްގެ ދަޢުވަތަކަށް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުު މާދަމާ ފަށްޓަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާއި، އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުކުރެއްވުންތަކުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.