11 Sep 2023, 13:15
މީގެ 18 އަހަރު ކުރިން އެއީ މާލޭ ބާޒާރުމަތީގެ އާދައިގެ ހޯލްސޭލް ފިހާރައެކެވެ. ގެންގުޅެނީ އެންމެ ޕްރޮޑަކްޓެކެވެ. މުދާ އުފުލަނީ ޓްރޯލީ ތަކުގައި ދަމައިގެންނެވެ.
މިހާރު ރާއްޖޭގެ ވިޔަފާރި ދާއިރާގެ އެންމެ އުހުގައި އޮތް ބްރަދަހުޑް ކުންފުނީގެ މި ވާހަކަތައް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އެ ވިޔަފާރީގެ ޖެނެރަލް މެނޭޖަރު ކަމުގައި ހުންނެވި އަހްމަދު ވަހީދެވެ. ކުންފުނީގެ އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އަހްމަދު ވަނީ އެކި ފަހަރުމަތިން ކުންފުނީގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރައްވާފައެވެ.
"އޭރުގައި ކުންފުނީގެ އެމްޑީ ވެސް ވަރަށް މަސައްކަތް ކުރައްވާނެ. ފިހާރައިގައި ވެސް އިންނަވާނެ. މުދާ ހިފައިން ޓްރޯލީގައި ވެސް ދާނެ ބަނދަރުމައްޗަށް ވެސް. އޭރުގައި ޖެހުނު ކޮންމެ ކަމެއް ވެސް ހުރިހާ މުވައްޒަފުން ވެސް ކުރާނެ" އަހްމަދު ވިދާޅުވިއެވެ.
ބްރަދަހުޑުގެ ނަން ދިވެހިން އެންމެ ފުރަތަމަ އަހަން ފެށީ މަޝްހޫރު ޓީވީ ޝޯ "މާކަނާ ޝޯ"ގެ އިސްތިހާރު ގަޑީގައެވެ. އެ ކުންފުނިން ރާއްޖެ ގެންނަ "ހީރޯ" ޖެލް އާއި "ފުރޫޝިއާ" ބްރޭންޑުގެ އުފެއްދުންތަކުގެ ތައާރަފު އެންމެ ފުރަތަމަ ދިވެހިން ހިތު ދަސްކުރީ އެ ޝޯގެ ކެރެކްޓާތަކުގެ އަޑުންނެވެ.
އޭރު އެ ކުންފުނީގެ ޕޯޓްފޯލިއޯގައި އޮތީ އެ ދެ ބްރޭންޑުގެ މަދު ޕްރޮޑަކްޓު ތަކެކެވެ. މިއަދު އެ ދެ ބްރޭންޑުގެ ފުޅާ ރޭންޖެއްގެ މުދަލުގެ އިތުރުން، "ބޮޑީ ފިލޯސޮފީ" ފަދަ ދިވެހިންގެ އިތުބާރު ހުރި އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް އެ ކުންފުނިން އެބަ ގެނެއެވެ.
ވިޔަފާރި ފުޅާކޮށް އިލެކްޓްރޯނިކްސްގެ ތެރެއިން، "ނޯބެލް" ފަދަ ކޮލިޓީ، އުފެއްދުންތައް އަތްފޯރާ ފަށުގައި ދިވެހިންނާ ހަމައަށް ގެނެސްދީފިއެވެ. އަދި، "ފަރިމަލާ"ގެ ނަމުގައި އަންނައުނު ފިހާރައެއް ހުޅުވާ އެ ވިޔަފާރި ވެސް ފުޅާކޮށް ކުރަމުން އެބަދެއެވެ. އަހަރެއް ކުރިން ފެށި ހާޑްވެއާ ވިޔަފާރީގައި ވެސް އެ ކުންފުނީގެ ނަން ހިނގައެވެ.
މިއަދު އަހްމަދު ބަލަހައްޓަވަނީ 100 އަށް ވުރެ ގިނަ މުވައްޒަފުންގެ މަސައްކަތް ބޭނުންވާ އޮޕަރޭޝަނެކެވެ. ވަރުގަދަ ޑެލިވަރީ ފްލީޓެއް އެބައޮތެވެ. އެ ކުންފުނީގެ އުފެއްދުންތައް ނުފޯރާ ރަށެއް ރާއްޖެއަކު ނެތެވެ.
އެންމެ 18 އަހަރު ދުވަސްތެރޭ މި ކުރިއެރުން ހޯދުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ހުންނާނެވެ. އެ ކަންކަމުގެ ނެގޭނެ ފިލާވަޅުތައް ވެސް ބައިވަރެވެ.
ޚިދުމަތްތެރި ވިޔަފާރި އާއި ވަފާތެރި ކަސްޓަމަރުން
ރާއްޖޭގައި ރީޓެއިލް ވިޔަފާރި ކުރާ އެންމެން ދަންނަ ކަމެއް އޮވެއެވެ. ބްރަދަހުޑުގެ ފިހާރައަށް ވަދެފިއްޔާ ދެން އެ ދަތުރު އިތުރު ތަނަކަށް ވަންނާކަށް ނުޖެހޭނެއެވެ. އާންމު ކަންމަތީ ފިހާރަައަކަށް ބޭނުންވާ ހުރިހާ މުދަލެއް އެ ތަނުން ލިބެން ހުންނާނެއެވެ.
އެ ކުންފުނީގެ ހާއްސަ އަނެއް ކަމަކީ އަލަށް ވިޔަފާރިއަށް ވަންނަ މީހުންނަށް ދޭ އިސްކަމެވެ. އެ ފިހާރައިގެ ތަޖުރިބާކާރު ސޭލްސްމަނުން އެ މީހުންނަށް ޕްރޮޑަކްޓުތަކާ ބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެއެވެ. އެކި މާކެޓުތަކަށް އެކަށޭނަ ޕްރޮޑަކްޓުތައް ވަކިކޮށްދީ، ކޮލިޓީއާއި އަގު ދަރަޖަކޮށްދެއެވެ.

ބްރަދަހުޑްގެ ފިހާރައެއް --
އެ ކުންފުނި ކުރިއަށް ގެންދިއުމުގައި ދެގޮތެއް ނުވެ، ވަފާތެރިކަމާ އެކު ކަސްޓަމަރުންތަކެއް ދެމި ތިބުމަކީ އެ ކަމުގެ ހެއްކެކެވެ.
"އަޅުގަނޑު ފާހަގަކުރަން އޭގެ ތެރޭގައި ހަމަ އެންމެ ފުރަތަމަ ކުންފުނީގެ ފެށުމުން ފެށިގެން މިއަދާ ހިސާބަށް އެ އިތުބާރު ކުރައްވައިގެން ދެމި ތިއްބެވި ވަރަށް ގިނަ ކަސްޓަމަރުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިބި" އޭނާ ވިދާޅުވިއެވެ.
އެ ކުންފުނީގެ ކާމިޔާބީގެ އަނެއް ސިއްރަކީ ކަސްޓަމަރުންގެ ޚިޔާލާއި، މަޝްވަރާ ހޯދައި، އަޑު އެހުމެވެ. އެފަދަ މަޝްވަރާއެއް ނެތި އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް ބާޒާރަކަށް ނުނެރެއެވެ. އަދި، ކަސްޓަމަރުންގެ ޚިޔާލަށް ކުންފުނީގެ ޚިދުމަތްތައް ވެސް ދަނީ ތަރައްގީ ކުރަމުންނެވެ.
މުވައްޒަފުންގެ "ބްރަދަހުޑު"
ބްރަދަހުޑުގެ ފިހާރައަކަށް ވަދެލައިފިއްޔާ ފާހަގަވާނެ އެއް ކަމަކީ، އެ ތަނުގެ މުވައްޒަފުންގެ މެދުގައި އޮންނަ ގާތް ގުޅުމެވެ. މަގާމުގެ ފަރަގު ކިތަންމެ ބޮޑަސް އަދި ކިތަންމެ ދުރު ދެ ގައުމަކުން އައިސް ތިއްބަސް، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަނީ ހަމަ "ބްރަދަހުޑެއް" ފަދަ ގުޅުމެކެވެ.

އަހްމަދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ އާއިލާއެއް ފަދަ ގާތްކަމަކީ ކުންފުނީގެ ކުރިއެރުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބެވެ.
"ބްރަދަހުޑަކީ، ވަޒީފާއެއްގެ ގޮތުގައެއް ނޫން، ހަމަ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުން ދިޔަ އެތައް ސްޓާފުންނެއްގެ ބުރަ މަސައްކަތޭ އަޅުގަނޑަށް ދެންނެވޭނީ" އަހްމަދު ވިދާޅުވިއެވެ.
ކަސްޓަމަރުންނެކޭ އެއްފަދައިން އެ ކުންފުނީގެ މުވައްޒަފުންނަކީ ވެސް ފިސާރި ވަފާތެރިކަން ހުރި ބަޔެކެވެ. އެ ކުންފުނީގެ 18 އަހަރުގެ މުޅި އުމުރުގައި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން އެބަތިއްބެވެ. އެ ވަފާތެރިކަމަކީ ވެސް މުވައްޒަފުންނާމެދު ކުންފުނިން ބަހައްޓާ ގާތްކަން ހާމަކޮށްދޭ ފާހަގައެކެވެ.
ބާރު ދުވެލީގައި ބްރަދަހުޑް ހޯދަމުން އަންނަ ކުރިއެރުމަށް މަޑުޖެހުމެއް ނެތެވެ. މިހާރު ވެސް އެ ކުންފުނިން ދަނީ ވިޔަފާރީގެ އާ ފުރުސަތުތަކަށް ދުރުމި އަޅާ ބަލަމުންނެވެ. އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންނަށް އޮތީ ދެގޮތެއް ނުވާނެ ކަމުގެ އިތުބާރެވެ.