މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އިންތިޒާމްތަކަށް ބައިނަލްއަޤްވާމީ އޮބްސާވަރުން ތައުރީފު ކުރައްވައިފިއެވެ.

އިންތިޚާބު އޮބްސާވްކުރެއްވުމަށް ވަޑައިގެންނެވި ބޭރުގެ އޮބްޒާވަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ފުރިހަމަކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ތައުރީފު ކުރައްވައިފައެވެ.

ސައުުތު އެފްރިކާއިން އިންތިޚާބު އޮބްސާވް ކުރެއްވި ޖަޖެއް ކަމަށްވާ ދަޔަނިތީ ޕިލޭ ވިދާޅުވި ގޮތުގައި ވޯޓުލުމަށް ކޮންމެ މީހަކު ވެސް ހޭދަކޮށްފައި ވަނީ ދެ މިނެޓު ނުވަތަ ތިން މިނެޓެވެ. އަދި، ވޯޓުލުމުގައި ހުރިހާ ކަންކަމެއް ވެސް ފުރިހަމަ ކަމަށާއި ވޯޓުލުމުގެ ކިޔޫ ބަންދުކުރުމާ ހަމައަށް ވެސް އަމާންކަމާ އެކު ވޯޓުލުމުގެ އެންމެހާ ކަންކަން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ ޚާއްސަ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި އިންތިޚާބުގައި ދީފައިވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެފަދަ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވެފައިވާ މިންވަރު އިތުރުކަމަށް ވިދާޅުވިއެވެ.

"ވޯޓުގުނުން ވެސް ވޯޓު ފޮށި ބަންދުކޮށް ނިމޭ ފަހުން ވަރަށް އަވަހަށް ކުރިއަށް ދިޔަ. އެކަން ދިޔަ ގޮތާ މެދު ވޯޓުފޮށިތައް ދޮށުގައި ތިބޭ އޮބްސާވަރުންގެ ވެސް ހިތްހަމަޖެހުން ލިބިފައިވޭ. އަދި އޭގެ އިތުރުން ވޯޓު ފޮށިތައް ބަހައްޓާފައިވާ ސަރަޙައްދުތަކާއި އެހާ ގިނަ މީހުން އުޅޭއިރު ޖާގައިގެ ދަތިކަން ނައިސް މީހުންނަށް ވެސް ފަސޭހަވާނެހެން ކަންކަން އިންތިޒާމްކޮށްފަ ހުރީ،" ސައުތު އެފްރިކާގެ އޮބްސާވަރު ދަޔަނިތީ ޕިލޭ ވިދާޅުވިއެވެ.

އިންތިޚާބު އޮބްސާވްކުރެއްވުމަށް ވަޑައިގެންނެވި ބޭރުގެ އޮބްޒާވަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސް-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެއްވެސް އިންތިޚާބަކީ އެންމެ ފުރިހަމަ އިންތިޚާބަށް ނުވާނެކަން ފާހަގަކުރައްވާ އޭނާ ވަނީ އަބަދު ވެސް ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަނީ އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ވެސް ފާހަގަކުރައްވައިފައެވެ.

"ވޯޓު ގުނުމަށް ބޭނުންކުރާ އޮފިޝަލުންގެ އަދަދު މިހާރަށް ވުރެ އިތުރުކުރެވިދާނެ. އޭރުން ވޯޓު ގުނުމުގެ ސްޕީޑް މިހާރަށްވުރެ ވެސް އަވަސްވާނެ،" ދަޔަނިތީ ޕިލޭ ވިދާޅުވިއެވެ.

ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު އޮބްސާވް ކުރުމަށް ވަޑައިގެންނެވި އޭމީ ވިދާޅުވީ، އެންމެ ފާހަގަކުރެވުނު ކަމަކީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންބަރާ ޖެހިގެން ފޮޓޯ ބޭނުންކޮށްފައި އޮތުން ކަމަށެވެ. އޭގެ ސަބަބުން އެކި އުމުރުފުރާތަކުން ވޯޓުލުމަށް އައި މީހުންނަށް ފަސޭހަވެ ވޯޓު ލުމުގެ ޕްރޮސެސް އަވަސްވެގެން ދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު މިހާ އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމަށް ރޭވި އިންތިޒާމްތަކަށް ތައުރީފުކުރަން،" އޭމީ ވިދާޅުވިއެވެ.

އިންތިޚާބު މިހާ ފުރިހަމައަށް ދިޔުމުން އޮބްސާވަރުން ވަނީ، އީސީގެ އިތުރުން އެ ކަމުގައި ސިޔާސީ ޕާޓީތަކުންނާ ޕޮލިޓީޝިއަނުންގެ ފަރާތުން ސުލްހަވެރި އިންތިޚާބެއް ބޭއްވުމަށް ދިން އެއްބާރުލުން ވެސް ފާހަގަކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ

މި މަހުގެ 30 ވަނަ ދުވަހު ކުރިއަށް ދެން އޮތީ މި އިންތިޚާބުގެ ދެވަނަ ބުރެވެ. ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ވޯޓުލީ މީހުންގެ 46 އިންސައްތަ ވޯޓާ އެކު އެންމެ ބޮޑު ތާއީދެއް ހޯދާފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް ގޮސްފައިވަނީ 39 އިންސައްތަ ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.