ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، ބައެއް މެންބަރުންގެ ސޮއި އަނބުރާ ގެންދިޔުމާއެކު އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާ މަޖިލިސް ނިންމާލައިފިއެވެ.

ޖުމްލަ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހު، ނައިބު ރައީސް އީވާ އަބްދުﷲގެ ވެސް މައްސަލައަކާ އެކުގައެވެ. ނަމަވެސް އެ ދެ މައްސަލަ އެޖެންޑާނުކޮށް ދިގު ދެންމުމަށް ފަހު އެޖެންޑާއަށްލީ އިއްޔެގައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން ނިންމައި ސޮއި އަނބުރާ ގެންދެވީ 25 މެންބަރުން ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮއި ކަމަށާއި، އިތުރު އަށް ބޭފުޅަކު ސޮއި އަނބުރާ ނުގެންދެވާ ނަމަ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު އެމަނިކުފާނު ވަނީ އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލުކުރައްވައިފައެވެ.

ހުސްވަގުތަށް މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން މަޖިލިސް ފެއްޓިއިރު، މަޖިލީހުގެ އިދާރާއަށް އެ ގަރާރު ހުށަހެޅި އެމްޑީޕީގެ މެންބަރުން ތެރެއިން އިތުރު މެންބަރުންގެ ސޮއި ވަނީ އަނބުރާ ގެންގޮސްފައެވެ.

އެއާއެކު އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމާ މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލިސް ނިންމާލާފައެވެ.

"މިހާތަނަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބާކީ މެންބަރުގެ އަދަދަކީ 21 އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބާކީ މެންބަރުންގެ އަދަދަކީ 17. އެހެންކަމުން އިސްވެ ދެންނެވި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތުމާއެކު މިހިސާބުން މަޖިލީހުގެ ޖަލްސާ ނިމުނީ،" އަފީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މައްސަލަ އަނބުރާ ގެންދިޔުމަށް ނިންމާފައި ވަނީ، މަސްލަހަތަށް ބެލުމަށްފަހު ކަމަށް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭ 'ސަން'އަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުންނާއި ރިޔާސީ އިންތިޚާބުގެ މެދު ތެރޭގައި އޮތުމުން މަޖިލިސް އިތުރަށް ހަލަބޮލިނުވެ ގެންދެވޭނެ މަގެއް ހޯދުމަށް އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

އެހެންނަމަވެސް ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމާއެކު ވެސް އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ޖަލްސާ ވެސް މަސައްކަތެއް ނުކޮށް ނިންމާލީ، ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުފޮނުވާތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށް ނިންމާފައެވެ.

އެއަށް ފަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގިނަ މެންބަރުން އުޅުއްވާތީ ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް ނުބޭއްވި، އިންތިޚާބަށް ފަހު ޖަލްސާތައް ބާއްވަން މިދިޔަ ހަފުތާގައި ނިންމިއެވެ.