މި މަހު 30ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ހަމައަށް ދާއިރު މިހާރު އޮތް އެމްޑީޕީ ކޯލިޝަނާ ގުޅި، އިތުރު ދެ ތިން ބައެއްގެ ބައިވެރިވުން އޮންނާނެ ކަމުގެ ޔަގީންކަން ލިބެމުން އަންނަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި ފޯން އިންޓަވިއެއްގައި ރައީސް ވިދާޅުވީ، ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކުގައި ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިއްޔެ ވެސް ބައެއް މަޝްވަރާތައް ކުރިއަށް ދިޔައިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެކުގައި މަސައްކަތްކުރުމުގެ 'ފެހި ސިގްނަލް' ދީފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަސްމީކޮށް އެ ކަން އިއުލާނުކުރެވޭ ހިސާބަށް އަދި ނުދިޔަ ނަމަވެސް ވަރަށް އަވަހަަށް ނިންމުންތައް ހާމަކުރާނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެ ބަޔަކު ނުވަތަ ތިން ބަޔަަކު އަޅުގަނޑުމެންނާ އެކީގައި އަރާނެކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. އެ ކަން ކުރީމާ ދެން ވެސް ލިބޭނެ ފުދޭވަރެއްގެ ކުރިއެރުން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ވަރަށް ގިނަ 'މިސްޓޭކް' ހެދިފައިހުރި ކަމަށެވެ.

އެންމެ އުންމީދުކުރި ގޮތަށް ފުރަތަމަ ބުރުގައި ނަތީޖާ ފެނިވަޑައިނުގެންނެވިއިރު މިހާރު ކުރައްވަމުން އަންނަނީ ދެވަނަ ބުރުގެ ނަތީޖާ ރަނގަޅުކުރުމުގެ މަސައްކަތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ފުރަތަމަ ބުރުގެ އެންމެ ބޮޑު އެއް ކަަމަކީ އިދާރީ ގޮތުން ބައެއް ދާއިރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ފަރުވާ ކުޑަކުރެވިފައި ހުރުމުން ވޯޓުލާން ތިބި ގިނަ ބަޔަކަށް ވޯޓުނުލެވުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ޓާން އައުޓް ދަށްވި މައްސަލަ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގައި ވެސް ޕްލެޖް ވޯޓް ހުރި ވަރާއި އަޅުގަނޑުމެންނަށް ވޯޓު ދޭން ނިންމައިގެން ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވޯޓުނުލައި އެބަ ތިބި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި އެ އަދަދު 300 ނުވަތަ 400އާ ހަމައަށް އަރައިކަމަށް ވެސް އެ މަނިކުފާނު ފާހަަގަކުރެއްވިއެވެ. އެއީ ކިހިނެއް ހިނގި ކަންތައްތަކެއްތޯ ބަލަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެއް ކަމަކަަށް މި ބުނަނީ ވޯޓުލައި ގަޑި އެއީ ހަތަރެއް ޖަހާއިރު ޓަސްލައިފައި ބަންދުކުރީމާ ހަވީރު އަންނަން ތިބި މީހުންނަށް ވޯޓުލާން ނާދެވުނީއޭ. އެ ވެސް ވެދާނެ އެއް ކަމަކަށް. އަނެއް ކަމަކަށް އަޅުގަނޑުމެންނަށް ޓީމްތަކުން މީހުން ނެރުމުގައި ކުރިން ކުރާ ވަރަށް މަސައްކަތް ކުރެވިފައި ހުރިކަމަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

އެ ކަންކަން ބަދަލުކުރުމުން ދެވަނަ ބުރު ކާމިޔާބުކުރުމަކީ ނުވާނެ ކަމެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކެމްޕޭންގެ ތެރޭގައި އިދިކޮޅުން ދެއްކި ވާހަކަތަކަށް ރައްދު ނުދެވި ދޫކޮށްލެވިފައި ހުރި ކަންތައްތަކެއް އެބަހުރިކަމަށެވެ.

ތަކުރާރުކޮށް އެ ވަހަކަތައް ދެއްކުމުން ރައްޔިތުންނަށް އެ ކަންކަން ގަބޫލުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް ކަމަކީ މިނިވަންކަމާ ގުޅުވައި ދެއްކި ވާހަކަތައްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭރުގެ ސިފައިން މިތާ ތިބޭ ވާހަކައާއި އެ ކަހަލަ ބައެއް ދޮގު ވާހަކަތަކެއް ކިޔައިދީގެން ރައްޔިތުންނަށް ބޮލަށް އެ ގަބޫލުކުރެވޭ ވަރަށް އެ ވަހަކަ ދެއްކިފައި އެބަހުރި. އެއީ ދިމާއަށް އެއްވެސް ކަހަލަ ހަގީގަތެއް އޮތް އެއްޗެއް ނޫން. އަޅުގަނޑުމެންނަކަށެއް އެއަކަށް ރައްޔިތުންނަށް އޮޅުން ފިލުވައިދޭ ވަރަކަށް ކެމްޕޭން ތެރެއަކު މަސައްކަތްކުރެވިފައެއް ނެތް ތި ވިދާޅުވާހެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ އެންމެ ބޮޑު ޗެލެންޖުކަމަށެވެ. ނަމަވެސް ދެވަނަ ބުރުގެ ކެމްޕޭންގައި ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ގާއިމްވެ މިނިވަންކަން ގެއްލޭހެން މަސައްކަތްނުކުރާކަން ރައްޔިތުންނަށް ހާމަކޮށްދޭން، އާންމުކުރެެވެން ހުރި ހުރިހާ ކަމެއް ހާމަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ބުރުގައި އެ ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ހާމަކޮށް އެ ކަން ރައްޔިތުންނަށް އަޅުގަނޑުމެން އޮޅުން ފިލުވައިދޭނަން އެ ހެދީ ދޮގުކަމާއި އޭގައި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުން ބައެއްް ގެއްލޭގޮތަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމާއި އެ އެއްޗެހިތައް ކިޔައިދިނީމާއި އަޅުގަނޑު ހިތުން ރައްޔިތުންނަށް ވިސްނޭނެ މިއީ އޮޅުވައިލުމެއްކަން މީގެ ތެރެއިން ކޮށްފައިހުރީ،" ރައީސް ވިދާޅުވިއެވެ.

އެ ކަންކަން ހާމަކުރުމުން ވެސް ދެވަނަ ބުރުގައި ރައްޔިތުންގެ އިތުބާރު ލިބި ކާމިޔާބުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ އެ މަނިކުފާނަށް ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ގައުމު އަނދަވަޅަކަށް ވެއްޓުނަ ނުދީ ސަލާމަތްކުރުމަށް އިތުރު ހިތްވަރެއް ލައިގެން މަސައްކަަތްކުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވިއްޖެނަމަ ފެންނަ މަންޒަރު ވަރަށް ބަނަކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ވިއްކެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒެވެ. އޭނާ 100،959 ވޯޓު ހޯދެއްވިއިރު އެއީ ވޯޓުލީ އާބާދީގެ 46 ޕަސެންޓެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ، 39 ޕަސެންޓެވެ. އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުންނަށް ވެސް 50 ޕަސެންޓަށް ވުރެން އިތުރަށް ވޯޓު ލިބިފައިނުވާތީ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.