11 Sep 2023, 09:16
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށް ފަހު އަނބުރާ ގެންދިޔަ ނަމަވެސް، ބައެއް މެންބަރުން އަދިވެސް ސޮއި އަނބުރާ ނުގެންދަވާތީ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމައިފިއެވެ.
ޖުމްލަ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހު، ނައިބު ރައީސް އީވާ އަބްދުﷲގެ ވެސް މައްސަލައަކާ އެކުގައެވެ. ނަމަވެސް އެ ދެ މައްސަލަ އެޖެންޑާނުކޮށް ދިގު ދެންމުމަށް ފަހު އެޖެންޑާއަށްލީ އިއްޔެގައެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭ 'ސަން'އަށް ވިދާޅުވީ މަސްލަހަތަށް ބަލައި އެ މައްސަލަ އަނބުރާ ގެންދަން ޕީޖީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެެ
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން ނިންމައި ސޮއި އަނބުރާ ގެންދެވީ 25 މެންބަރުން ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮއި ކަމަށާއި، އިތުރު އަށް ބޭފުޅަކު ސޮއި އަނބުރާ ނުގެންދެވާ ނަމަ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މައްސަލަ ކުރިއަށް ގެންދިޔުމަށް 22 މެންބަރުންގެ ސޮއި ބޭނުންވޭ. އެހެންވީމަ އަދި 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ. އިތުރު އަށް މެންބަރުންގެ ސޮއި އަނބުރާ ނުގެންދަވާނަމަ މި މައްސަލަ ކުރިއަށްދާނެ ކަމަށް. މިހާތަނަށް ނަން އަނބުރާ ގެންދަވާފަ ވަނީ 25 ބޭފުޅުންކަމަށް ވާތީ މި މައްސަލަ ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެއާއެކު ނަޝީދު ވަނީ ރިޔާސަތު ބެލެހެއްޓުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލުކުރައްވާފައެވެ.
"އަޅުގަނޑު މި މައްސަލަ ކުރިއަށް ގެންދިޔުމަށް އަދި ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފަށް ދަންނަވަން،" ނަޝީދު ވިދާޅުވިއެވެ.
ރޭ އަސްލަމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުންނާއި ރިޔާސީ އިންތިޚާބުގެ މެދު ތެރޭގައި އޮތުމުން މަޖިލިސް އިތުރަށް ހަލަބޮލިނުވެ ގެންދެވޭނެ މަގެއް ހޯދުމަށް އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.
އެހެންނަމަވެސް ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމާއެކު ވެސް އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އެންމެ ފުރަތަމަ ޖަލްސާ ވެސް މަސައްކަތެއް ނުކޮށް ނިންމާލީ، ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުފޮނުވާތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށް ނިންމާފައެވެ.
އެއަށް ފަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގިނަ މެންބަރުން އުޅުއްވާތީ ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް ނުބޭއްވި، އިންތިޚާބަށް ފަހު ޖަލްސާތައް ބާއްވަން މިދިޔަ ހަފުތާގައި ނިންމިއެވެ.