10 Sep 2023, 23:08
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ބޭނުންކުރައްވާނީ ފުރަތަމަ ބުރުގައި ވެސް އެ ކެންޑޭޓުން ބޭނުން ކުރެއްވި ނަމްބަރުތައް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ "ރިޔާސީ އިންތިޚާބު 2023" ގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރިން ވެސް ބޭނުން ކުރި ނަންބަރު ކަމަށެވެ.
އެހެން ކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ ތިން ވަނަ ނަންބަރެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުގެ ކެންޑިޑޭޓް ނަންބަރަކީ ހަތަރު ވަނަ ނަންބަރެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ އެއްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.
ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރަން މުއިއްޒު ވަނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ.
ރައީސް ޞާލިހް ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހަދަން ޖެހޭނެ ކަމަށެވެ.