10 May 2012, 19:10
ބައެއް ވިޔަފާރިތައް އޮޑިޓް ކުރުމުން މި އަހަރުގެ ފުރަތަމަ ތިން މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވި ކަމަށް އެ އޮތޯރިޓީގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ ރިޕޯޓުގައި ބުނަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޖީއެސްޓީއާ ގުޅުން ހުރި 59 އޯޑިޓެއް ކޮށްގެން މީރާ އަށް 917،628 ޑޮލަރު (14.1 މިލިއަން ރުފިޔާ) ލިބިފައިވާ އިރު ރުފިޔާގެ ގޮތުގައި 602،599ރ. ލިބިފައިވާ ކަމަށެވެ.
އަދި ވިތްހޯލްޑިން ޓެކްސްއާ ގުޅޭ 156 އޯޑިޓެއް ވެސް އެ މުއްދަތުގައި މީރާ އިން ހިންގާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެ އޮޑިޓްތަކުން 3.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެހެންކަމުން ޖުމްލަ 215 އޮޑިޓަކުން މި އަހަރުގެ ފުރަތަމަ ތިން މަހު މީރާ އަށް 17.8 މިލިއަން ރުފިޔާ ވަނީ އިތުރަށް ޖެހިފަ އެވެ.
މީރާގެ ރިޕޯޓްގައި އެ އޮޑިޓްތައް ކުރަން ޖެހުނު ސަބަބެއް ބަޔާންކޮށްފައެއްނުވެ އެވެ. އަދި އެ ފަރާތްތަކުން ޓެކްސް ފައިސާ މަދުން ދެއްކީ ގަސްތުގައި ކަމެއް އަދި ނޫން ކަމަށް ވެސް މީރާ އިން ނުބުންޏެވެ. މީރާގެ ގަވާއިދުތައް ބުނާ ގޮތުން ޓެކްސްގެ ގޮތުގައި މަދުވާ ފައިސާ އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހެ އެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މީރާ އިން ވަނީ 21 މިލިއަން ރުފިޔާ ވެސް ހޯދައިފަ އެވެ.