މި ހިނގާ ސެޕްޓެމްބަރު މަހުގެ 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ކުރަންޖެހުނު ހުރިހާ ކަމެއް އަދި ނުނިމޭތީ ކަމަށެވެ.

އެ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް އިން ވެސް އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި، ނަތީޖާ ފާޅުކުރުމާއި އެހެނިހެން ކަންކަން ނިމެންދެން ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކަމުގެ ތެރޭގައި އުޅެން ޖެހޭތީ، ކޮންމެ އަހަރެއްގެ ވެސް އިންތިޚާބު ބާއްވާ ދުވަހާ ޖެހިގެން އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަކީ އާންމުކޮށް ކުރާ ކަމެކެވެ.