ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓާ ވުމަށް ދެ ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

'ސަން' އާ ވާހަކަދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މި މަހުގެ 16 އަދި 17 ވަނަ ދުވަހު ރީ- ރެޖިސްޓްރޭޝަނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދެވަނަ ބުރަކަށް ގޮސްފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ލިބިފައި ނުވުމާ އެކުއެވެ.

ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ވޯޓުލީ މީހުންގެ 46 އިންސައްތަ ވޯޓާ އެކު އެންމެ ބޮޑު ތާއީދެއް ހޯދާފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް ގޮސްފައިވަނީ 39 އިންސައްތަ ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރޭގައި 27،000 ޒުވާނުންނަށް އަލަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ. އެހެންނަމަވެސް އިއްޔެ ބޭއްވި ވޯޓުލުމުގެ ފުރަތަމަ ބުރުގައި މީގެ ތެރެއިން 46,000އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މިއީ ރިޔާސީ އިންތިޚާބެއްގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް އެންމެ މަދު ބަޔަކު ވޯޓުލީ އިންތިޚާބެވެ.