10 Sep 2023, 12:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާއަށް އެޖެންޑާކޮށްފިއެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށްގެންދާނެ ގޮތަކާ މެދު ގޮތް ނިންމުމަށް މަޖިލީހުގައި އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ 21ގައި ފެށި ނަމަވެސް ތަފާތު ޚިޔާލުތަފާތުވުންތަކާ ހެދި ކޮންމެ ޖަލްސާއެއް ވެސް މެދުކަނޑާލަން ޖެހުނު ފަހުންނެވެ. އަދި ގިނަ މެންބަރުން ރިޔާސީ ކެމްޕޭނުގައި އުޅުއްވާތީ ކޯރަމް ހަމަނުވުމުން، ވޯޓަށް ފަހު ޖަލްސާތައް ބާއްވަން މިދިޔަ ހަފުތާގައި މަޖިލީހުގެ އިދާރާއިން ނިންމި ފަހުންނެވެ.
ނަޝީދުގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ވެރިކަން ކުރާ އެމްޑީޕީއިންނެވެ. އެ ދެ މައްސަލަ އެއްކޮށް ހުށަހެޅުމުން ރިޔާސަތު ބަލަހައްޓަން ނަޝީދާއީ އީވާ އުޒުރުވެރިވެ، މަޖިލީހުގައި މަރުތަޅެއް އެޅުނެވެ.
މިދިޔަ ޖޫން މަހުގެ ހަތެއްގައި އެ މައްސަލަ ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.
އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު އައެވެ.
ދެވަނަ ދައުރުގައި މަޖިލީހުން އެޖެންޑާ ކޮށްފައިވާ ގިނަ މަސައްކަތްތައް ނުނިމުނު ނަމަވެސް ޖަލްސާތައް މެދުކެނޑި، މަރުތަޅަކަށް ދިޔައީ އެމަނިކުފާނާއި ކޮއްކޯފުޅު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ހުރަސް އަޅުއްވަން ނަޝީދު އަޑީގައި ހުންނަވައި ކުރެއްވި މަސައްކަތުން ކަމަށް ތުހުމަތުކޮށްފައެވެ.
މި ދައުރުގެ ފުރަތަމަ ޖަލްސާތައް ހުއްޓާލަން ޖެހުނީ ވެސް ދަ ޑިމޮކްރެޓްސްއަށް ބަދަލުވި މެންބަރުން އެކަން މަޖިލީހަށް ރަސްމީކޮށް ނާންގާ ކަމަށް ބުނެއެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ދެބައިކުޅަ އެއްބައިގެ މެޖޯރިޓީ ލިބިގެންނެވެ.
ސުޕަމެޖޯރިޓީއަކުން މަޖިލީހުގެ މި ދައުރު ދެށި އެމްޑީޕީގެ 56 މެންބަރުން މަޖިލީހުގައި މިހާރު ތިއްބަވާ އިރު ދެވަނައަށް އެންމެ ގިނަ މެންބަރުން ތިއްބަވަނީ ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެއެވެ. އެއީ 12 މެންބަރުންނެވެ.