ދ. ކުޑަހުވަދޫ ބަނދަރު ބޭރު ތޮށިގަނޑު ލުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް 23 މިލިއަން ރުފިޔާ އަށް އެމްޓީ ހޯގާޑް ކުންފުންނާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހި ސަރުކާރާއި އެމްޓީ ހޯގާޑާ ދެމެދު މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 446 މީޓަރުގެ ތޮށި ލުމުގެ މަސައްކަތާއި ބަނދަރު މަރާމުކޮށް، 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ކުޑަހުވާދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ބައިވެޑައިގެންނެވި، ހައުސިން މިނިސްޓްރީގައި އޮތް ރަސްމިޔާތުގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަޝްރޫއު އަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުޑަހުވަދޫ ބޭރު ތޮށިލުމުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައިވާ މަޝްރޫއުއެއް ކަމަށާއި ނަމަވެސް އަހަރު ނިމިގެން ދިޔަ އިރު އެ މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

އެ ރަސްމިޔާތުގައި ސިޔާމް ވިދާޅުވީ ކުޑަހުވަދޫގެ ބަނދަރު ތޮށިގަނޑުގެ ބޭނުން އެ އަތޮޅަށާއި އެ ރަށުގެ މަސްވެރިންނަށް ބޮޑުވެފައިވާ ކަމަށާއި އެހެންނަމަވެސް ބަނދަރު ތޮށިގަނޑުގަނޑު ހަދައިދިނުމަށް އެދި ކުރީ ސަރުކާރުގައި އެދި ކުރި އުއްމީދު ހާސިލްވެފައި ނުވާ ކަމަށެވެ.

"މިއަދު ސަރުކާރުން މިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވޭނާއި ކެކުޅުން އަޑު އަހައި މިފަދަ މަސައްކަތްތަކުގެ އެއްބަސްވުމުގައި ބިންގާ އަޅާފައި." ސިޔާމް ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ކުޑަހުވާދޫ ބަނދަރެއް ނެތުމުގެ މައްސަލަށް ހައްލެއް ގެނެއުމަށް ވޭތުވެ ދިޔަ ތިން އަހަރު ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށާއި ތިން މަސް ދުވަސް ތެރޭގައި އާ ސަރުކާރަކުން ކުޑަހުވަދޫގެ ބަނދަރުގެ މަސައްކަތް ފެއްޓެވީތީ އެކަމަށް ޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ވޭތުވިޔަ ސަރުކާރުގައި އާދޭސް ކުރަމުންދިޔައިން. އެކަމު އެ ސަރުކާރު ދީފައި ވަނީ ބީރު ކަންފަތެއް. އަދި އާ ސަރުކާރާ އެކު ހައުންސިން މިނިސްޓަރު ޑރ. މުއިއްޒު އެ ކުރައްވާ މަސައްކަތަށް ޝުކުރު ދަންވަން،" އާމިރު ވިދާޅުވި އެވެ.