10 Sep 2023, 12:15
މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ 51 ޝަކުވާއެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި ސިޓީ އަދި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ، މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކެމްޕޭނު ކުރުމާ ގުޅޭ ތިން މައްސަލައަކާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ރަޖިސްޓްރޭޝަންއާ ގުޅޭ އަށް މައްސަލައާއި، އޮފިޝަލުންނާ ގުޅޭ 11 މައްސަލައާއި ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލައެއްގެ އިތުރުން ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލައެއް އަދި، އެހެނިހެން ދެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރެއިން ވަގުތުން ހައްލު ކުރެވެން ހުރި ހުރިހާ މައްސަލައެއް ވަގުތުން ހައްލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަހުގީގު ކޮށްގެން އިތުރަށް ކުރިއަށް ގެންދަން ޖެހޭ މައްސަލަތައް މިހާރު ބަލަމުން ދާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
ކޮމްޕްލެއިންޓްސް ބިއުރޯއަށް 51 މައްސަލައެއް ހުށަހަޅާފައިވާއިރު، އިއްޔެ ބ. ތުޅާދޫގައި ގަވާއިދާ ޚިލާފަށް ވޯޓުގެ ފޮޓޯ ނެގުމުގެ މައްސަލައެއް ފާހަގަކުރުމުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ ހަބީބު ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް، ތަހުގީގަށް ފަހު ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވެފައިވެެއެވެ.
ވޯޓުލުމާ ބެހޭ ގޮތުން އުފެދުނު ދެބަސްވުންތަކާ ގުޅިގެން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުންތައް ހިނގިއެވެ. އަދި ބައެއް މަރުކަޒުތަކުގައި ވޯޓުލުން މެދުކެނޑުނު ނަމަވެސް ފަހުން ވޯޓުލުން ކުރިއަށްގެންގޮސްފައިވެއެވެ.