އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ނުކުތް ދަ ޑިމޮކްރެޓްސްއިން ދެވަނަ ބުރެއްގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ތާއީދު ކުރުމުގެ ރޫހެއް އެ ޕާޓީގެ ތެރޭގައި ގެންގުޅޭކަން އެނގިއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓް ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ. އޭނާ 100،959 ވޯޓް ހޯދެއްވިއިރު އެއީ ވޯޓްލީ އާބާދީގެ 46 ޕަސެންޓެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ 39 ޕަސެންޓެވެ. އެންމެ ގިނައިން ވޯޓް ހޯދި ދެ ކެންޑިޑޭޓުންނަށް ވެސް 50 ޕަސެންޓަށް ވުރެން އިތުރަށް ވޯޓް ލިބިފައިނުވާތީ ދެން ޖެހޭނީ ދެ ވަނަ ބުރަކަށް ދާށެވެ.

މިފަހަރުގެ އިންތިޚާބުގައި ތިން ވަނަ ހޯދީ، އެމްޑީޕީ "ރޫޅާލަން" ނުކުތް ޑިމޮކްރެޓްސްއިންނެވެ. އެ ޕާޓީއަށް މުޅި ރާއްޖޭން 15،453 ވޯޓް ލިބިފައިވާއިރު އެއީ ވޯޓްލީ މީހުންގެ ހަތް ޕަސެންޓެވެ. އެހެންކަމުން މިފަހަރުގެ ކިންގްމޭކާ އަކަށް ވާނީ ޑިމޮކްރެޓްސްއެވެ.

އެމްޑީޕީ ދެބައިވުމުގެ ސަބަބުން ލިބުނު ދަށް ނަތީޖާއާއެކު ރައީސް ނަޝީދާއި ރައީސް ޞާލިޙް އެކުގައި މަސައްކަތް ކުރުމަށް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެކަން ރައީސް ނަޝީދު ނެންގެވީ މަޖަލަކަށެވެ. ޓްވިޓާގައި ރައީސް ޞާލިޙަށް މަލާމާތް ކުރެއްވިއެވެ.

"ރައީސް ޞާލިޙްގެ ޓީމް މާ ގަދަވާނެ. އަޅުގަނޑު ބޭނުމެއް ނުވާނެ. އަދިވެސް ހަމަ ނޭނގޭނީ ދޯ!" ނަޝީދު ޓްވީޓް ކުރައްވާފައިވެއެވެ.

އެ ޕާޓީއަށް މާ ގިނަ ވޯޓް ނުލިބުނު ނަމަވެސް އެމްޑީޕީއަށް މަދު ވޯޓް ލިބުން ޑިމްކްރެޓްސްގެ ސަޕޯޓަރުންނާއި ވެރިންނަށްވީ ބޮޑު އުފަލަކަށެވެ. ރެއިން ފެށިގެން ސޯޝަލް މީޑިއާގައި އޮތީ އެ އުފާ ފާޅުކުރުމެވެ.

ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް "ސަން" އަށް މިއަދު ވިދާޅުވީ ދެވަނަ ބުރެއްގައި ރައީސް ޞާލިޙަށް އެ ޕާޓީއިން ތާއީދު ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ޕާޓީގެ ރަސްމީ ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި އެކަން ނިންމުމާއެކު އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރާގޮތުގައި ދެން އަޅުގަނޑުމެން ތާއީދު ކުރާނީ މުއިއްޒަށް. ޞާލިޙްގެ ފަހަތަށް އެރުމުގެ ވިސްނުމެއް ނެތް،" އެ ބޭފުޅާ ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދަން މަސައްކަތް ކުރާނެތޯ ސުވާލު ކުރުމުން ރޭ ރައީސް ޞާލިޙް ވިދާޅުވީ ދެވަނަ ބުރުގައި އެހެން ޕާޓީއެއްގެ ތާއީދު ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރި ފަސް ކެންޑިޑޭޓުންނަށް ލިބުނީ ވަރަށް ދަށް ނަތީޖާއެކެވެ. ޚާއްޞަކޮށް ކޮންމެ ރިޔާސީ އިންތިޚާބެއްގައި ކިންގް މޭކާއެއްގެ ގޮތުގައި ހުންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ އެންމެ 2.5 ޕަސެންޓެވެ. އެއީ އެންމެ 5،535 ވޯޓް ލިބިގެންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ރައީސް ޞާލިޙަށް ދަށް ނަތީޖާއެއް ލިބުނު އެއް ސަބަބެއް ކަމަށް ބެލެވެނީ އެމްޑީޕީ ދެބައިވުމެވެ. އޭގެ ތެރެއިން އުފެދުނު ޑިމޮކްރެޓްސްއަށް ވޯޓްތަކެއް ބެހުމެވެ. އެމްޑީޕީ ދެބައިވީ ވެރިކަން ބޭނުންވެގެން ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.