10 Sep 2023, 01:51
ރިޔާސީ އިންތިޚާބުގެ ނަތީޖާ އައިއިރު، ވިސްނިފައި ނެތް ކަންތައްތަކެއް ހިނގައްޖެ ކަމަށާއި، އެކަންކަމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ފަހު، އެމްޑީޕިގެ ލީޑާޝިޕާއެކު، މިރޭ ސޯލްޓް ކެފޭގައި ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ.
އެ ބައްދަލުވުމުގައި، އެ މަނިކުފާނުގެ ރަނިންމޭޓު، މުހައްމަދު އަސްލަމާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީގެ އިތުރުން ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ވާހަކަދެކެވުނީ މީގެ ކުރިން ވިސްނާލެވިފައި ނެތް ބައެއް ކަންކަމާ މެދުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތަކަށް ވިޔަސް ބަޔަކާއެކު ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމް ވެސް މަސައްކަތް ކުރާނެ، އަޅުގަނޑުމެން ވެސް މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދެވަނަ ބުރުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރައްވަމުން ދާނެ ކަމަށެވެ.
މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ، 39 އިންސައްތަ ވޯޓެވެ. އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވި ޑރ. މުޙައްމަދު މުއިއްޒަށް 100،959 ވޯޓު ލިބިވަޑައިގަތެވެ. އެއީ ޖުމްލަ ވޯޓުގެ 46 ޕަސެންޓެވެ.