ވިޔަފާރިއާ ގުޅޭ ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވައި އެ ބިލްތަކާ މެދު އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުއްވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވި ބިލްތަކަކީ މިދިޔަ އެޕްރީލް މަހުގެ ތެރޭ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރުމަށް ފޮނުވި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލާއި ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ބިލާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލެވެ.

އެ ބިލްތަށް ރައީސް ތަސްދީގު ނުކުރެއްވީ އެ ބިލްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެޓާނީ ޖެނެރަލް ލަފާ އެރުއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ އެޓާނީ ޖެނެރަލް ފާހަގަ ކުރެއްވި މައްސަލަތަކުގެ ތަފްސީލް ހިމަނައި މަޖިލީހުގެ ރައީސް އަށް މިހާރު ސީޓީ ފުޅުތަކެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ބުނީ އެ ބިލްތަކަށް އިސްލާހުގެންނަން ޖެހޭ ކަން ރައީސްގެ އެ ސިޓީތަކުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.