އިއްޔެ އުމުރުން 56 އަހަރު ފުރުނު އެކްޓަރު އަކްޝޭ ކުމާރުގެ އުފަންދުވަހާ ގުޅުވައިގެން ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޕްރޮމޯ އާއްމުންނަށް ދައްކާލައިފިއެވެ.

މިވަގުތު ޕްރީ ޕްރޮޑަކްޝަން މަރުޙަލާގަ ފިލްމުގެ މަސައްކަތް އޮތްއިރު މި ފިލްމު ރިލީޒްކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހެވެ.

ބޮލީވުޑްގެ ގިނަ ފިލްމީ ތަރިން ހިމެނޭ ބޮޑު ކާސްޓެއް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަކީ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް "ވެލްކަމް"ގެ ތިންވަނަ ބަޔެވެ. ޖިއޯ ސްޓޫޑިއޯސްއާއި ޕްރޮޑިއުސަރު ފީރޯޒް ނަދިއަދްވާލާގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ މިފިލްމުން ބޮލީވުޑްގެ މަޝްހޫރު 24 ފިލްމީ ތަރިން ފެންނާނެއެވެ.

އޭގެ ތެރޭގައި މި ޖީލުގެ ފިލްމީތަރިންނާއި ހެއްވާ މަޖާ ފިލްމީ ރޯލްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރުން ހިމެނެއެވެ. މިފިލްމަކީ އަކްޝޭ ކުމާރުއާއި ބަތަލާ ރަވީނާ ޓަންޑަން އެކީގައި މަސައްކަތް ނުކުރާތާ ދިގު މުއްދަތަކަށްފަހު އެއް ފިލްމަކުން ފެންނާނެ ފިލްމުވެސްމެއެވެ. މީގެއިތުރުން ބަތަލާ ލާރާ ދައްތާ، ޖެކްލީން ފެނާންޑެޒް އަދި ދިޝާ ޕަޓާނީ މުހިއްމު ރޯލްތަކުން ފެންނައިރު ސަންޖޭ ދަތު، ސުނިލް ޝެޓީ، އަރުޝަދު ވާރްސީ، ޕަރޭޝް ރާވަލް، ޖޯނީ ލީވާ އަދި ރާޖީވް ޔާދަވް މިފިލްމުގެ ޕްރޮމޯއިން ފެނެއެވެ.

ސާޖިދު ނަދިއަދުވާލާގެ ފިލްމު "ވެލްކަމް"ގެ ކުރީގެ ދެބައިން ވެސް އަނިލް ކަޕޫރު އާއި ނާނާ ޕަޓޭކަރު ފެނުނު ނަމަވެސް ފިލްމުން މި ދެ އެކްޓަރުން ނުފެންނާނެއެވެ.

ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަކީ އަންނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

އަކްޝޭ ކުމާރުގެ ފިލްމެއް އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ ކުރިޔަށްއޮތް މަހުގެ ހަޔެއްގައެވެ. އެއީ ބަތަލާ ޕަރީނީތީއާއެކު ކުޅޭ ތުރިލަ ފިލްމު ""މިޝަން ރަނިންގަންޖް"އެވެ.