10 Sep 2023, 08:04
ބޮލީވުޑްގެ ބާދްޝާހްގެ ލަގަބު ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާންއަކީ މާފިޔާ ދުނިޔެއިން ދެއްކި ބިރުތަކަށް ބޯ ނުލަނބާ އެމީހުންގެ އިންޒާރުތަކާ ކެރިގެން ކުރިމަތިލި ހަމައެކަނި ފިލްމީތަރިކަމަށް ޑައިރެކްޓަރު ސަންޖޭ ގުޕްތާ ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކަށްއައި ޝާހްރުކް ޚާންގެ ވަރުގަދަ އެކްޝަން ފިލްމު "ޖަވާން"އާއެކު ޝާހުގެ ފިލްމީ ކެރިއަރާ ގުޅުންހުރި މިފަދަ ގިނަ ވާހަކަތަކެއް އެކި ފަރާތްތަކުން އަންނަނީ ހިއްސާކުރަމުންނެވެ.
ފިލްމު "ޝޫޓް އައުޓް އެޓް ލޯކަންޑްވާލާ"ފަދަ ކްރައިމް ތުރިލާ އުފައްދާފައިވާ ސަންޖޭ ބުނެފައިވަނީ ޝާހުއަކީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލި އެކްޓަރެއްކަމަށެވެ. އެގޮތުން އިންޑިއާގެ ފިލްމީތަރިންނަށް އަންޑަވާލްޑް މާފިޔާގެ އުނދަގޫތަކާއި ބިރުދެއްކުން އެންމެބޮޑަށް ޢާއްމުވި 90އިގެ އަހަރުތަކުތެރޭ ޝާހްރުކްއަށްވެސް އެމީހުންގެ އިންޒާރުތައް ލިބެމުންދިޔަކަމަށް ސަންޖޭވަނީ ބުނެފައެވެ.
އެހެންނަމަވެސް ޝާހު އޭރުވެސް އެހެން މީހުންނަށް ރީތި ނަމޫނާ ދެއްކީ ވަރަށް ކެރިގެންކަމަށާއި މާފިޔާ ގްރޫޕްތަކުގެ ޑިމާންޑްތަކަށް އެއްބަސްނުވެ އެމީހުންގެ މަޅީގައި ނުޖެހި ސަލާމަތްވީ ޝާހުގެ ހިތްވަރުގަދަކަމުންކަމަށް ކާމިޔާބު ޑައިރެކްޓަރުވަނީ ބުނެފައެވެ. އޭރުގެ މާފިޔާ ގޭންގުތަކަށް ރައްދު ދެމުން ޝާހު ބުނެފައިވަނީ، ބަޑިޖަހާ މަރާލިޔަސް އެމީހުންގެ މަޅީގައި ނުޖެހޭނެކަމަށާއި އެމީހުންނާއެކު މަސައްކަތްނުކުރާނެކަމަށެވެ. އިންޑިއާގެ ޖާނަލިސްޓް އަދި ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްރާ ލިޔެފައިވާ 'ކިންގް އޮފް ބޮލީވުޑް: ޝާހްރުކް ޚާން' ފޮތުގައިވެސް މިވާހަކަ ވަރަށް ތަފުސީލުކޮށްވަނީ ގެނެސްދީފައެވެ.
ޝާހްރުކް ޚާންއަކީ އަބަދުވެސް ވަރަށް ގޮތުގައި ހުންނަ އެކްޓަރެއްކަމަށާއި ކުރާ މަސައްކަތެއް އެންމެ ފުރިހަމައަށް ނިންމުމުގެ ނަމޫނާއެއްކަމަށް ސަންޖޭ ގުޕްތާވަނީ ބުނެފައެވެ. އެކަން އެންމެ ފަހުން ރިލީޒްކުރި ފިލްމު "ޖަވާން"އިން އެކަނިވެސް ދޭހަވާނެކަމަށް އޭނާވަނީ ބުނެފައެވެ.
ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ފުރަތަމަ ބޮލީވުޑް ފިލްމު ޖަވާން ރިލީޒްކުރިތާ ހަތަރު ދުވަސްތެރޭ އެ ފިލްމުވަނީ ބޮކްސް އޮފީހުގެ "100 ކްރޯޑް ކްލަބް"އަށް ވަދެފައެވެ. ތިންސަތޭކަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމަށް މިހާތަނަށް 240 ކްރޯޑް ރުފީސްގެ އާމްދަނީ ލިބިފައިވާއިރު ކުރިޔަށްއޮތް ދުވަސްތަކުގައި މިއަދަދު އެތައް ގުނަޔަށް ބޮޑުވާނެކަމަށް ފިލްމު އެނަލިސްޓުންވަނީ ލަފާކޮށްފައެވެ.