ސިޔާސީ މީހުން މަތިން ފޫހިވީހެއްޔެވެ؟ އެމީހުންނަށް ކުރާ އިތުބާރު ގެއްލުނީ ހެއްޔެވެ؟ ގައުމުގެ މުސްތަގުބަލާ މެދު އުންމީދު ކަނޑާލީ ހެއްޔެވެ؟ ނުވަތަ މާޔޫސްވީ ހެއްޔެވެ؟

މިއީ މިއަދު ވޯޓު ލީ މީހުންގެ އަދަދު ފެނުމުން ހިތުގައި އުފެދޭ ސުވާލުތަކެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބިގެން ވެއެވެ. ނަމަވެސް މީގެ ތެރެއިން 46,000އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިނުވެއެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް އެންމެ މަދު ބަޔަކު ވޯޓުލީ އިންތިޚާބެވެ.

މިކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާނެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް "ސަން"އަށް ވިދާޅުވީ އެ ސަބަބުތައް އެންމެ ރަނގަޅަށް އެނގޭނީ ރަނގަޅު ދިރާސާއެއް ހެދިގެން ކަމަށެވެ. ނަމަވެސް ދިރާސާއެއް ހެދުމާ މެދު އީސީން އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމިހާ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ބޭރު ގައުމުތަކުން ރީރެޖިސްޓާކުރީ މަދު މީހުން

ހަބީބް ވިދާޅުވީ، މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވޯޓު ލުމަށް ރީރެޖިސްޓާ ކުރި މިންވަރު މަދުކަން ފާހަގަ ވާކަމަށެވެ.

"ސްރީލަންކާގައި މަދު، އިންޑިއާގައި މަދު، ސިންގަޕޫރުގައި ނުވެސް ބެހެއްޓެ. އެހެންވީމައި ރާއްޖޭން ބޭރުގައި ގިނަ އަދަދެއްގެ މީހުން އުޅޭއިރު ވޯޓު ލާން ރަޖިސްޓްރީ ވެފައި ނެތުން ވެދާނެ ވޯޓު ލީ މީހުން މަދުވި ސަބަބަކަށް،" ހަބީބް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވީ ވޯޓު ލީ މީހުންގެ އަދަދު މަދުވީ މި ސަބަބާ ހުރެކަމަށް ކަނޑައެޅިގެން ބުނެވެން އަދި ނެތްކަމަށެވެ.

"އަޅުގަނޑުމެނަށް ޔަގީންކޮށް ކަނޑައެޅިގެން އެއްޗެއް ބުނަން އިނގޭނީ ހަމަ އެކަމާ ގުޅިގެން ރިސާޗެއް ހެދުމަށްފަހު،" ހަބީބް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

ބޭނުންވާ ބަދަލެއް ނުގެނެވުން؟

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުން ވޯޓު ލަނީ ނުހަނު ގިނަ އުންމީދުތަކަކާ އެކުއެވެ. ބޮޑު ބަދަލަކަށް ދެކޭ ހުވަފެންތަކާ އެކުއެވެ.

"އެކަމަކު އެ ބަދަލެއް ނާދެ. ކޮންމެ ފަހަރަކު ވެސް ވައުދުތަށް ވެފަ ވެރިކަމަށް ހޮވުނީމަ ހަނދާން ނެތޭ،" މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޝަރުތު ހަމަވެފައިވާ ނަމަވެސް ވޯޓު ލާފައި ނުވާ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނިގޮތުގައި ގިނަ މީހުން މިހާރު މާޔޫސް ވެއްޖެއެވެ. އަދި ގައުމަށް އެދޭ ހެޔޮ ބަދަލު ގެނެވިދާނޭ ކަމަށް އެމީހުން މިހާރު ގަބޫލެއް ނުކުރެއެވެ.

"އަހަރެން ވޯޓު ނުލީ ސިޔާސީ މީހުންނަށް މެސެޖެއް ދިނުމަށް. އެއީ އަހަރެމެން މިހާރު އެމީހުން ދައްކާ ވާހަކަ އަޑު އަހާއަހާ ފޫހި ވެއްޖެއޭ. އަހަރެމެން އެން އެމީހުންގެ ދަޅައަކަށް ނުހެއްލޭނެއޭ،" އޭނާ ބުންޏެވެ.

ދެވަނަ ބުރު ޔަގީންވުން

މިއަހަރު މި ބޭއްވި ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިޚާބެވެ. އަށް ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރެއްވި އިރު އޭގެތެރެއިން ތިން ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓުންނެވެ.

"ކެނޑިޑޭޓުން މިހާ ގިނަ ވީމަ ވޯޓު އެބަ ބައި ވޭ. ދެން އެންމެން ވެސް ޔަގީން ކުރޭ ދޯ އެއްބުރުން ނުނިމޭނެކަން،" އެހެން މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދެވަނަ ބުރެއް ޔަގީންކޮށް ގިނަ ބަޔަކަށް ފުރަތަމަ ބުރުގެ ވޯޓުލުން މުހިންމުކަމަށް ނުބެލީއެވެ.

ނަމަވެސް މިކަމާ ގުޅިގެން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ މިއީ ވޯޓުލީ މީހުންގެ އަދަދު މަދުވި ސަބަބެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އީސީން ބުނީ އެހާ ގިނަ ބަޔަކު ވޯޓުލުމުގެ ހައްގު ދޫކޮށްލުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ދެވަނަ ބުރުގައި ގިނަ މީހުން ވޯޓު ލުމަށް ހިތްވަރު ދޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.