10 May 2012, 17:05
ދެ ހާސް ހަތް ވަނަ އަހަރު ސަލްޓަން ޕާކްގައި ބޮންގޮއްވި މައްސަލައިގައި ފިލައިގެން އުޅެނިކޮށް މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާގޭ، މުހައްމަދު އަމީން ދެ މަސް ވަންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު ރޭ ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އަމީން ދޫކޮށްލާފައި ވަނީ އޭނާ އަށް ކުރިން ކްރިމިނަލް ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
"ސަލްޓަންޕާކްގައި ބޮންގޮއްވި މައްސަލައިގައި ތުހުމަތު ކުރެވޭ އަމީން ދޫކޮށްލާފައި ވަނީ ރޭ ކްރިމިނަލް ކޯޓުން،" ހަނީފް ވިދާޅުވި އެވެ.
ދެ މަސް ދުވަސް ވަންދެން އަމީން ހައްޔަރުކޮށް އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އޭނާއަށް ނިސްބަތްވާ މާލޭގެ ދެ ގެއެއް ފާސްކޮށް އެ ދެ ގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ފާސްކުރި ދެ ގެއަކީ ގ.ނޫސަންއާ މ. ވޯލްނަޓު އެވެ.
ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި12 ޓޫރިސްޓަކު ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއްމީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
ސަލްޓަން ޕާކްގައި ބޮންގޮއްވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ15 އަހަރަށް ޖަލަށް ލާފައިވާ ތިން މީހުންގެ ތެރެއިން ގއ. ކަނޑުހުޅުދޫ، ސާދުނާ މަންޒިލް އަހުމަދު ނަސީރާއި ވ. ލަންދޫގެއާގޭ މުހައްމަދު ސޮބާހުގެ ހުކުމުގެ ބާކީބައި ތިން އަހަރަށް ފަސްކޮށް، ޖުލައި 25، 2010ގައި އެ ދެމީހުން ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުންދޫކޮށްލައިފަ އެވެ.
އެ ދެ މީހުން ދޫކޮށްލި އިރު، އެ ހަމާލާ ދިނުމުގައި އިސްކޮށް އުޅުނު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒު އަދި ވެސް ހުރީ ޖަލުގަ އެވެ. އޭނާ ވަނީ އެތަކެއް ފަހަރު ޖަލުން ފިލައި އަދި ފިލަން މަސައްކަތް ކޮށްފަ އެވެ. ފިލުމުގެ ކުށުގައި އޭނާ އަށް ވަނީ އިތުރު އަދަބުތައް ވެސް ދީފަ އެވެ.