މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތަކުގައި މިހާތަނަށް ހަ މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން "ބްލޫވޭވް"ގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ އެންމެން މިހާތަނަށް ދޫކޮށްލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިހާތަނަށް ދޫކޮށްނުލައި ތިބީ ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައަކާއި، މަރުކަޒަށް ވެއްދުން މަނާ އެއްޗެއް ވެއްދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށެވެ.

ވޯޓު ކަރުދާސް ފޮޓޯނެގި މައްސަލަ ފެންމަތިވެފައިވަނީ ބ. ތުޅާދޫގައެވެ.

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލާން ދިޔަ މީހަކު ގެންދިޔަ ގަލަމަކުން ފޮޓޯ ނެގި މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރާނެ ކަމަށެވެ.

"ފޮޓޯ ނެގިޔަސް އެ ވޯޓު ކަރުދާސް ކުށްވެރިއެއް ނުވާނެ ވޯޓް ކަރުދާސް ފޮއްޓަށް ލެވޭނެ އެކަމަކު އޭނާ އެ ކުރި އަމަލަކީ ކުށެއް އެކަން އަޅުގަނޑުމެން ފުލުހުން މެދުވެރިކޮށް ބަލާނަން،" ހަބީބް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ތުޅާދޫގައި ވޯޓުލުން މެދުކެނޑުނު ނަމަވެސް، ފަހުން ވޯޓުލުން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އއ. ރަސްދޫގައި ވެސް މިއަދު ވަނީ ހަމަނުޖެހުންތަކަކާ ގުޅިގެން ވޯޓުލުން މަޑުޖެހިފައެވެ. އެ ރަށުގައި މައްސަލަ ޖެހުނީ ވޯޓުލާ މަރުކަޒުގެ ދެ އޮފިޝަލަކު އެކަހެރި ކުރަން އީސީން ނިންމުމުންނެވެ.