09 Sep 2023, 14:26
ބ. ތުޅާދޫގައި ރިޔާސީ އިންތިޚާބަށް ވޯޓުލާން ދިޔަ މީހަކު ގަލަމަކުން ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލާން ދިޔަ މީހަކު ގެންދިޔަ ގަލަމަކުން ފޮޓޯ ނެގި މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރާނެ ކަމަށެވެ.
"ފޮޓޯ ނެގިޔަސް އެ ވޯޓު ކަރުދާސް ކުށްވެރިއެއް ނުވާނެ ވޯޓް ކަރުދާސް ފޮއްޓަށް ލެވޭނެ އެކަމަކު އޭނާ އެ ކުރި އަމަލަކީ ކުށެއް އެކަން އަޅުގަނޑުމެން ފުލުހުން މެދުވެރިކޮށް ބަލާނަން،" ހަބީބް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ތުޅާދޫގައި ވޯޓުލުން މެދުކެނޑުނު ނަމަވެސް، ފަހުން ވޯޓުލުން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ގަވައިދާ ޚިލާފަށް ވޯޓުގެ ފޮޓޯ އާއި ވީޑިއޯ ނެގުމުގެ އިތުރު މައްސަލަތައް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލަތައް ވެސް ބަލާނެ ކަމަށެވެ. އަދި، ތަހުގީގަށް ފަހު، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ޕީޖީ އޮފީހަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އީސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި 47 ޕަސެންޓް މީހުން މިހާރު ވަނީ ވޯޓު ލާފައެވެ.