09 Sep 2023, 11:42
ވޯޓުލާން ދާއިރު، ލިސްޓުގައި ނަން ނެތް ކަމުގެ ޝަކުވާ އައިސްފައިވަނީ ނުބައި ފޮއްޓަކަށް ދެވިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ އެސްއެމްއެސް ކުރުމުން ލިބޭ ފޮއްޓަށް ދާއިރު، ލިސްޓުގައި ނަންނެތް ކަމުގެ މަދު ޝަކުވާތަކެއް ލިބިފައިވާކަމަށެވެ.
ނަމަވެސް އެ މައްސަލަތައް ބެލުމުން، އެއީ އޮޅިގެން ނުބައި ފޮއްޓަކަށް ދެވުމުން ދިމާވާ ކަމެއް ކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެސްއެމްއެސް ކުރީމަ އަންނަ ފޮއްޓަށް ގޮސްފިއްޔާ ހަމަ ސަތޭކަ ޕަސެންޓު ޔަގީންކަން މިދެނީ، ނަން އޮންނާނެ," އޭނާ ވިދާޅުވިއެވެ.

ކާމިލް ދީދީ ސްކޫލުގައި ވޯޓުލުމަށް މީހުން ކިއުޖެހިފައި، އެ ސަރަހައްދުގައި މިހާރު ހަމަނުޖެހުމެއް ނެތް --- ސަންފޮޓޯ
މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ކާމިލް ދީދީ ސްކޫލުގައި ހުރި ފޮއްޓަކަށް ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސްޓުގައި ނެތް ކަމަށް ބުނެ، އެ ސަރަހައްދު ވަނީ ހޫނުވެފައެވެ.
އެކަމާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިހާރު ދޫކޮށްލަފައިވާ ކަމަށް ފުލުހުން ބުނެއެެވެ.
އެ ސަރަހައްދުގައި ހުރި "ސަން"ގެ ރިޕޯޓަރު މައުލޫމާތު ދޭ ގޮތުގައި އެ ސަރަހައްދުގައި ހަމަނުޖެހުން އުފެދުނީ އެ ސްކޫލުގައި ހުރި ދެ ފޮށީގެ ތެރެއިން، ނުބައި ފޮއްޓަކަށް ކިއުޖެހިގެން ތިބި ބައެއްގެ ނަން ލިސްޓުގައި ނެތުމުން، އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ.
މިހާރު އެ ސަރަހައްދުގެ ވޯޓުލުން އަމާން ކަމާއެކު ކުރިއަށް އެބަދެއެވެ.