10 May 2012, 16:47
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުއާ މެދު ފިޔަވަޅު އެޅުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަހީދު މިހެން ވިދާޅުވީ ގާނޫނު އަސާސީއާ ފުލުހުންގެ ގާނޫނާ ޚިލާފަށް ޣައްސާން ހައްޔަރުކުރީ ޖިނާހު ކަމަށާއި އެކަމުގެ ޒިންމާ ފުރިހަމައަށް ޖިނާހު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ ޖިނާހު އާ ދެކޮޅަށް ޣައްސާން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.
ވަހީދު ވިދާޅުވީ ޣައްސާން ހައްޔަރުކުރުމުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އޭނާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން އޭނާ އަށް ފޮނުވާފައިވާ ޖަވާބުގައި ޖިނަހުއާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެ ކަމުން ވެސް ޖިނާހު ގާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވާކަން އެނގޭ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނު ބުނާ ގޮތުން ފަރުދީގޮތުން ޣައްސާން ހައްޔަރުކުރި ކަމުގެ ޒިންމާ ޖިނާހު ނަންގަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައްސާން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ކުރީ ޖިނާހު ކަމަށާއި ތަހުގީގުގައި ޣައްސާން ދައްކާފައިނުވާ ވާހަކަތަކެއް އޭނާ ބުނި ކަމަށް ހަދައި ޖިނާހު މީޑިއާއަށް ދޮގުމައުލޫމާތު ދީފައިވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރި ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަހީދު ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން އޭނާ އަށް ފޮނުވި މައްސަލަ ނިންމި ގޮތް އަންގައި ލިޔުން ޝަރީއަތަށް ވެސް ހުށަހަޅައިފަ އެވެ.
"ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޣައްސާން މައުމޫންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އަޅުގަނޑަށް އެ ކޮމިޝަނުން ދިން ޖަވާބުގައި ޣައްސާންގެ ތަހުގީގު ކުރެއްވި އިރު ތަހުގީގުގައި އޭނާ ނުބުނާ ވާހަކައެއް ބުނި ކަމަށް ބުނެ ޖިނާހު މީޑިއާގައި ތެދުނޫން މައުލޫމާތު ދީފައިވާކަން އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގެން އޮންނާތީ އެކަމަކީ ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ހަމަތަކާ ޚިލާފަށް ޖިނާހު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޖަވާބުގައިވޭ،" ވަހީދު ވިދާޅުވި އެވެ.
ޖިނާހުގެ ގާނޫނީ ވަކީލު މަޒުލާން ރަޝީދު ވިދާޅުވީ އެފަދަ ނިންމުމެއް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމި ކަމެއް އަދި ޖިނާހު އަށް އަންގާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޖިނާހުއާ މެދު ފިޔަވަޅުއަޅަން ނިންމާފައިވާކަމުގެ ލިޔުމެއް ވަހީދަށް ފޮނުވިކަން އެނގިވަޑައިގަތީ މިއަދު ކަމަށް ވާތީ އިތުރަށް ޖަވާބުދާރީ ވެވޭނީ އެލިޔުން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެކަމަށް ޖަވާބުދާރީވުމަށް މަޒުލާނަށް ފުރުސަތު ދިނުމަށް ފަހު އެވެ.
ޣައްސާން ހައްޔަރުކުރީ ކުރީ ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކަމަށްވާ މ. އެންދެރިމާގެ ކައިރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި އެތާގައި ހުރި ކުއްޖެއްޖަކާ ދިމާލަށް އޭނާ ލަކުޑި ބުރިއެއް އެއްލާލި ކަމަށް ތުހުމަތުކޮށެވެ.
ޖިނާހު މިއަދު ވިދާޅުވީ އޭނާ ދައްކަވާފައި ވާނީ ތެދު ހަގީގަތް ކަމަށާއި އެކަން ސާބިތުކޮށްދެއްވަން ޖެހޭ ތަނެއްގައި ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ އޯޑިއޯ އާއި ވީޑިއޯ އިން އެކަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.