Last Updated: 2 year 3 month ago

Last Updated:
2 year 3 month ago
ރިޔާސީ އިންތިޚާބު: ވޯޓް ގުނުން ކުރިއަށްދަނީ
20:48
ވޯޓު ގުނުން އަދިވެސް ކުރިއަށްދަނީ. މިހާތަނަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު. ދެން ވޯޓު ތަރުތީބުވެފައިވާ ގޮތަކީ:
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
- އިލްޔާސް ލަބީބް
- އުމަރު ނަސީރު
- ގާސިމް އިބްރާހީމް
- ފާރިސް މައުމޫން
- މުޙައްމަދު ނާޒިމް
- ހަސަން ޒަމީލް



މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުން އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުކުރެވޭ. އެހެންވެ، ވޯޓުގެ ދެވަނަ ބުރަކަށް ދާން ޖެހޭނެ.
ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 30ގައި.
މި ވަގުތު ލިބިފައިވާ މައުލޫމާތަށް ބަލާއިރު 574 ވޯޓު ފޮށީގެ ތެރެއިން 134 ވޯޓު ފޮއްޓެއް ވަނީ ގުނިފައި. އެ ފޮށިތަކުން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު
1. އުމަރު ނަސީރު 1.22 ޕަސެންޓު (475 ވޯޓު)
2. ހަސަން ޒަމީލު 0.13 ޕަސެންޓު (51 ވޯޓު)
3. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 41.13 ޕަސެންޓު (16،021 ވޯޓު)
4. ޑރ. މުހައްމަދު މުއިއްޒު 44.80 ޕަސެންޓު (17،453 ވޯޓު)
5. ގާސިމް އިބްރާހިމް 2.01 ޕަސެންޓު (783 ވޯޓު)
6. އަހުމަދު ފާރިސް މައުމޫން 1.06 ޕަސެންޓު (414 ވޯޓު)
7. އިލްޔާސް ލަބީބު 7.31 ޕަސެންޓު (2849 ވޯޓު)
8. މުހައްމަދު ނާޒިމް 1.22 ޕަސެންޓު (475 ވޯޓު)
މިހާތަނަށް ގުނާފައިވާ ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު. ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު އުޅެނީ ދެ ޕަސެންޓުގައި.
ވޯޓުގުނުން ކުރިއަށްދަނީ ސުލްހަވެރިކޮށް ކަމަށް ފުލުހުން ބުނެފި
https://twitter.com/OpsPoliceMv/status/1700503467272618493
މި ވަގުތު ލިބިފައިވާ މައުލޫމާތަށް ބަލާއިރު 574 ވޯޓު ފޮށީގެ ތެރެއިން 32 ވޯޓު ފޮއްޓެއް ވަނީ ގުނިފައި. އެ ފޮށިތަކުން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު
އުމަރު ނަސީރު 2.56 ޕަސެންޓު (135 ވޯޓު)
- ހަސަން ޒަމީލު 0.28 ޕަސެންޓު (15 ވޯޓު)
- ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 42.63 ޕަސެންޓު (2،247 ވޯޓު)
- ޑރ. މުހައްމަދު މުއިއްޒު 42.42 ޕަސެންޓު (2،236 ވޯޓު)
- ގާސިމް އިބްރާހިމް 1.73 ޕަސެންޓު (91 ވޯޓު)
- އަހުމަދު ފާރިސް މައުމޫން 0.57 ޕަސެންޓު (30 ވޯޓު)
- އިލްޔާސް ލަބީބު 9.03 ޕަސެންޓު (476 ވޯޓު)
- މުހައްމަދު ނާޒިމް 0.78 ޕަސެންޓު (41 ވޯޓު)
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓް މީހުން ކަމަށް. އެހެންވެ، މިއީ މިހާތަނަށް އެންމެ މަދުން ވޯޓުލި ރިޔާސީ އިންތިޚާބަށް ވާނެ ކަމަށް އޭނާ ވިދާޅުވި.
އަމީނިއްޔާ ސްކޫލު ސަރަހައްދުގައި ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
މި ކަމާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވޭ.
މިހާރު ބައެއް ފޮށިތައް ބަންދުކޮށް، ގުނަން ވެސް ވަނީ ފަށާފައި. އަދި، ބައެއް ފޮށިތަކުގައި ކިޔޫގައި ތިބި މީހުން ވޯޓު ލުމުގެ ކަންކަން ދަނީ ކުރިއަށް.
މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ބައެއް ފޮށިތަކުގެ ވޯޓް ގުނަން ފަށައިފި
އިސްކަންދަރު ސްކޫލުގައި މ. އަތޮޅު މީހުން ވޯޓްލުމަށް ބަހައްޓާފައި ހުރި ފޮށި ކައިރި އަދިވެސް ދިގު ކިޔޫއެއް އެބައޮތް. މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު އެ ފޮއްޓަށް އެހާ އަވަހަށް ވޯޓްލައި ނިންމާލެވޭނެ ކަމަކަށް ނުބެލެވޭ.

މިއަދު ހައްޔަރު ކުރި ހަ މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި.
ފުލުހުން މީގެ ކުރިން ބުނީ، މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ތެރެއިން ޖުމުލަ ހަ މީހަކު ހައްޔަރު ކުރި ކަމަށް. އެކަމަކު، ދެންމެ ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ހަ މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް.
https://twitter.com/OpsPoliceMv/status/1700474652689347057
މީގެ ކުރީގެ ރިޔާސީ އިންތިޚާބުތަކާ އަޅާބަލާއިރު، މި ފަހަރުގެ އިންތިޚާބުގެ ކަންކަން އަމާން އޮމާން.
ބައެއް ވޯޓު ފޮށިތައް މިހާރު ވަނީ ބަންދުކޮށްފަ.


ހަތަރެއް ޖެހުމާއެކު ބައެއް ކިޔޫތައް މިހާރު ބަންދުކުރަން ވަނީ ފަށާފަ.
އީސީން ބުނީ ވޯޓުލާން ކިއުއަށް އަރަން އިތުރު ވަގުތު ނުދޭނެ ކަމަށް.
https://twitter.com/ismailhabeeb/status/1700463336050360460
ވޯޓު ފޮށި ބަންދުކުރާ ގަޑި ޖެހިއްޖެ. އީސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ވޯޓުލާފައި ވަނީ 58 ޕަސެންޓް މީހުން.
އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ފުވައްމުލަކު ފޮއްޓާއި މ. އަތޮޅު ފޮށީގެ ކިޔޫ ވަރަށް ދިގު.


މިއަދު 14:00އާ ހަމައަށް 50 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ
https://twitter.com/IsmailHabeeb/status/1700452333367513593
ފުލުހުން ބުނީ މިހާރު ކުރިއަށްދާ އިންތިޚާބާ ގުޅިގެން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް. އޭގެ ތެރެއިން ދެ މީހަކު އަދިވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުނޭ.
މެންދުރުފަހު 13:00އާ ހަމައަށް 47.95 ޕަސެންޓް މީހުން ވޯޓުލައިފި. އޭގެ ތެރޭގައި 66161 އަންހެނުންނާއި 69261 ފިރިހެނުން ހިމެނޭ.
https://twitter.com/ElectionsMv/status/1700438220306334144
އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވޯޓް ލައްވައިފި. އުމަރު ވޯޓް ލެއްވީ އިސްލާމިކް ޔުނިވާސިޓީގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް.
މިއާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން މިވަނީ ވޯޓް ލައްވާފައި.
އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވޯޓު ލައްވައިފި.
އެ މަނިކުފާނު ވޯޓު ލެއްވީ އެ މަނިކުފާނުގެ ރިސޯޓެއް ކަމަށްވާ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި ހުންނަ ވޯޓު ފޮއްޓަށް.
އީސީގެ މެމްބަރު އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގަ ޖަހާ ބޫތު މިހާރު ބަހައްޓާފައި ހުރި ގޮތުން ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް. އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ ބޫތު ބަހައްޓާނެ ގޮތާމެދު އިތުރަށް ވިސްނަވާނެ ކަމަށް ހަބީބު ވިދާޅުވި.
ހަބީބް ވިދާޅުވީ މިއަދު 12:00އާ ހަމައަށް 14 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް. އޭގެ ތެރޭގައި ބޫތު ހުންނަ ގޮތުގެ ޝަކުވާއާއި ވީޑީއޯ ނުވަތަ ފޮޓޯ ނެގުމުގެ ޝަކުވާއާއި މޫނު ބުރުގާ އަޅާ މީހުން، އެއީ ކާކުކަން ދެނެގަންނަން އީސީގެ އޮފިޝަލުން މަސައްކަތްކުރާ އިރު އެހެން މީހުންނަށް ފެންނަ ޝަކުވާ ހިމެނޭ ކަމަށް.
އެ ޝަކުވާތަކަށް އެޓެންޑްކޮށް، ދޭން ޖެހޭ ޖަވާބު ދޭނެ ކަމަށް ހަބީބް ވިދާޅުވި.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިހާތަނަށް ވޯޓުލާފައިވަނީ 39 އިންސައްތަ މީހުން ކަމަށް. އެހެންވެ، ފަހު ވަގުތު ކިޔޫއަށް އަރައި މީހުންގެ އަދަދު އިތުރު ވެދާނެ ކަންބޮޑުވުން އަންނަނީ ލިބެމުން.
ހަބީބު ވިދާޅުވީ، އެފަދައިން ކިޔޫ ބޮޑު ވޯޓުލާ މަރުކަޒުތައް ދެނެގަންނަމުންދާ ކަމަށާއި އެގޮތުން، އެ މަރުކަޒުތަކުގައި ވޯޓުލުން އަވަސް ކުރުމަށް ކިޔޫ ކުޑަ މަރުކަޒުތަކުން އޮފިޝަލުން ކިޔޫ ބޮޑު މަރުކަޒުތަކަށް ބަދަލު ކުރަމުން ގެންދާ ކަމަށް.
އޭނާ ވިދާޅުވީ، ފަހު ވަގުތު ކިޔޫތައް ދިގުވެ، ވޯޓުލުން ދިގުލައިގެން ނުދާނެ ގޮތަކަށް ކަންކަން ރޭވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް.
ދިރިހުރި މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި އޮތުމުން މީހަކަށް ވޯޓުނުލެވުނު މައްސަލައެއް ފެންމަތިވި ކަމަށް އީސީން ބުނި
މިހާރު ކުރިއަށްދާ އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯއަށް 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް. އެ މައްސަލަތަކުގެ ތެރޭގައި ވޯޓްލާ ބޫތު ހުންނަގޮތުންނާއި ވޯޓް ކަރުދާސް ފޮޓޯ ނަގައިގެން ހުށަހެޅޭ މައްސަލަ ހިމެނޭ.
އީސީން މިހާރު ދަނީ އިންތިޚާބާ ބެހޭ ގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން.
އިންތިޚާބުގައި ހަމަނުޖެހުން ހިންގަފާނެތީ ފުލުހުން ސަމާލުވެ ތިބުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ހަމީދު ވަނީ މީގެ ކުރިން އެދިވަޑައިގެންފަ. މިއަދު ފުލުހުން ދަނީ ވޯޓުލާ މަރުކަޒުތައް ކައިރީ ހަރަކާތްތެރިވަމުން.
https://twitter.com/PoliceMv/status/1700415920177631290
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓްލައްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓު ލައްވައިފި.
މީގެ ކުރިން 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫން މި ފަހަރު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ހުރި ފޮއްޓަށް.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓު ލައްވާފައި -- ސަން ފޮޓޯ/ އައިޝަތު ހިދާޔާ
އެ މަނިކުފާނު ވޯޓު ލައްވާފައިވާއިރު، މި އިންތިޚާބުގައި އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވާދަކުރައްވާ.


ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ވޯޓުލައްވައިފި. ކެމްޕޭން ނިމެން ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެކަމަނާ ވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކުރައްވަން ސީދާ ހަރަކާތަށް ނުކުންނަވައިފައި


ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން އަންނަނީ ވިލިމާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ވެސް ހަރަކާތްތެރިވަމުން


ހުޅުމާލޭ މުހައްމަދު ޤާސިމް ޕްރީސްކޫލްގެ ވޯޓުލުން ކުރިއަށް ދާއިރު، މި ސިޓީގެ އެހެން ސަރަހައްދުތަކާ ބަލައިފައި ވަރަށް މީހުން މަދު


އެމްޑީޕީއަކުން ނުބަހާނެ ފައިސާ
ރައީސް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މި އިންތިޚާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދަށް ވޯޓުލާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް. މިހާތަނަށް ރާއްޖެއިން ނުދެކޭ ފަދަ ޑިމޮކްރެޓިކް އިންތިޚާބަކަށް މި އިންތިޚާބު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓްލައްވައިފި
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު 10 ޖެހުމާ ހަމައަށް 36163 މީހުންވަނީ ވޯޓްލައިފައި. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުން.
ވޯޓު ލުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފާރިސް ވަނީ ހުރިހާ ބޭފުޅުން ވެސް ވޯޓު ލައި، ފަރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލައްވައިފައި. އޭނާ ވިދާޅުވީ، ވޯޓު ދިނުމަކީ ކުރިމަގު ބައްޓަން ކުރުމަށް ނިންމޭ ވަރަށް މުހިއްމު ނިންމުމެއް ކަމަށް.
"މިއީ ކުރިމަގު ބިނާ ކުރުމަށް ނިންމާ ވަރަށް މުހިއްމު ނިންމުމެއް،" ފާރިސް
އޭނާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދެއްވައި، ގައުމުގެ ކުރިމަގު ބިނާ ކުރުމުގައި ބަސް ބުނަން ޖެހޭ ކަމަށް.
އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވޯޓު ލައްވައިފި


ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް ވޯޓްލައްވައިފި. އިލްޔާސް ވޯޓްލެއްވީ ކަލާފާނު ސްކޫލުގައި އައްޑޫ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިވާ ފޮއްޓަށް.

ވޯޓްލެއްވުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ ވޯޓް ލުމަކީ ގާނޫނުން ލިބޭ ހައްގަކަށްވާއިރު ހަވީރަށް މަޑުނުކޮށް އަވަހަށް ނުކުމެ އެބޭފުޅަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓްލާން އެދޭ ކަމަށް.
މުޅި ރާއްޖޭގައި ވެސް ވޯޓްލުން ކުރިއަށް ދާއިރު ވޯޓާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުނޭ

ވިލިމާލޭގައި ވޯޓުލާ މީހުންނަށް ހިތްވަރު ދިނުމަށް ޓަކައި ބޮޑު ދެ ޕާޓީއަށް ނިސްބަތްވާ ސަޕޯޓަރުން އަންނަނީ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުން


އިލެކްޝަންސް ކޮމިޝަނުން ވަނީ، މޮނީޓާ ފާސް އޮތް މީހުން ކެމެރާ ޒޫމްކޮށްގެން ވޯޓުކަރުދާސް ފޮޓޯ ނެގުމަކީ ޤާނޫނީ ކުށެއް ކަމަށް ބުނެފަ. އަދި އެގޮތަށް ކަންތައް ކުރާނަމަ، ފާސް އަތުލުމަށްފަހު ވޯޓުލާ މަރުކަޒުން ބޭރުކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ.
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވޯޓުލައްވައިފި



ރިޔާސީ އިންތިޚާބު އޮބްސާވް ކުރަން ހަރަކާތްތެރިވާ ބޭރުގެ އޮބްސާވަރުން -- ސަން ފޮޓޯ/ އަހުމަދު އާޒިފް


ރިޔާސީ އިންތިޚާބު އޮބްސާވް ކުރަން ހަރަކާތްތެރިވާ ބޭރުގެ އޮބްސާވަރުން -- ސަން ފޮޓޯ/ އަހުމަދު އާޒިފް

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި.
އޭނާ ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުންނަ ފޮއްޓަށް.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވޯޓު ލައްވައިފި.
ފާއިތުވި 2008 އަދި 2013 ވަނަ އަހަރު ވެސް ރިޔާސީ ރޭހުގައި ވާދަ ކުރެއްވި ގާސިމް ދެންމެ ވަގުތެއްގައި ވަނީ ސޯޝަލް ސެންޓަރުގައި ހުންނަ މާފަންނު ހުޅަނގު ފޮއްޓަށް ވޯޓު ލައްވާފައި
https://twitter.com/JPSecretariat/status/1700351939551355252

ވިލިމާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުން ވޯޓުލާން އެ އަވަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވޯޓުލުން ފަށާފައިވަނީ 8:45 ގައި. އެ ފޮށީގެ ވޯޓުލުން ނުފެށި ލަސްވެފައިވަނީ ވޯޓު ކަރުދާސް މަދުން ހުރުމުގެ ސަބަބުން.

އެ ފޮއްޓަށް ވޯޓުލާން 742 މީހުން ރެޖިސްޓްރީކޮށްފައިވާއިރު، ހެނދުނު އެ ފޮއްޓަށް ލިބިފައިވަނީ 737 ވޯޓު ކަރުދާސް ކޮޅު.
ފަހުން، ވޯޓު ކަރުދާސް ހަމަ ކުރުމަށް ފަހު، މިހާރު ވަނީ ވޯޓުލުން ފަށާފައި.

އިދިކޮޅު ޕީއެންސީގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު ވޯޓު ލައްވައިފި.
އޭނާ ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުންނަ ގދ. އަތޮޅު ފޮއްޓަށް.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވޯޓު ލައްވަނީ -- ފޮޓޯ/ ޕީޕީއެމް
ރަނިންމޭޓުގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިހާރު ވަނީ ވޯޓު ލައްވާފައި. އަދުރޭގެ އިތުރުން ވެސް ޕީޕީއެމްގެ އިސްވެރިން މިހާރު ވޯޓުލާން ގޮސް އެބަ ތިއްބެވި.



އިންތިޚާބުގެ ވޯޓުލުން މިހާރު ފެށިގެން ކުރިއަށް ދަނީ. މިހާތަނަށް ހުރިހާ ފޮށިތަކެއްގައި ވެސް ވޯޓުލުން ކުރިއަށް ދަނީ އަމާންކޮށް.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ފޯރިގަދަ އިންތިޚާބުގެ ވޯޓުލުން ފަށައިފި.
މިއަދު ހެނދުނު ވޯޓުލުން ފަށާފައިވަނީ 8:00 ގައި. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށް ގެންދަން.
ވޯޓުލާން މިހާރު އާންމުން އަންނަނީ ކިއޫ ހަދަމުން. ގިނަ ވޯޓުލާ މަރުކަޒުތަކުގައި މިހާރު އަންނަނީ ކިއޫ ހަދަމުން.
މިހާރު ކުރިއަށް ދަނީ ވޯޓު ލާން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް.
ވޯޓުލުން ފަށަނީ 8:00ގައި ކަމަށްވީ ނަމަވެސް މާލޭގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި މީހުން ވަނީ 7:00ގައި ކިޔޫ ހަދަން ފަށާފަ.