ޕާކިސްތާނުގެ ބަތަލާ ނައުޝީނު އެންމެ ބޭނުން ވަނީ އިންޑިއާގެ ފިލްމީ ތަރި ކަންގަނާ ރަނާވަތުއާ ބައްދަލުކޮށްލަން ކަމަށް ނައުޝީނު ބުނެފިއެވެ.

ޕާކިސްތާނުގެ ޗެޓް ޝޯވްއެއް ކަމަށްވާ 'ހަދު ކަރުދީ ވިތު މޫމިން ސާޤިބް'ގައި ވާހަކަ ދައްކަމުން ނައުޝީނު ބުނެފައިވަނީ ކަންގަނާއާ ބައްދަލުކޮށް ޖަވާބު ބޭނުންވާ ވަރަށް ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

ބަތަލާ ކަންގަނާ އަކީ އެހެން މީހުންނަށް އެއްވެސް އިހުތިރާމެއް ނުކުރާ މީހެއް ކަމަށާއި އެހެން ޤައުމުތަކާ ބެހޭ ގޮތުން ވަރަށް އަދަބު ކުޑަގޮތަށް ވާހަކަދައްކާ ފަރާތެއް ކަމަށެވެ. ނައުޝީނުގެ ނުރުހުން ކަންގަނާއަށް އަމާޒުވެފައިވަނީ އެއްވެސް ހަޤީޤަތެއް ނުބަލާ އެކި ފަހަރު މަތިން ޕާކިސްތާނަށް އަމާޒުކޮށް ކަންގަނާ ވާހަކަދައްކާފައިވާތީއެވެ. އެގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށްގެން ކަންގަނާ ދޮގު ވާހަކަތަކެއް ފަތުރާފައިވާއިރު ނައުޝީނުގެ ޤައުމުގެ އަސްކަރިއްޔާ ސިފައިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ކަންގަނާއަށް ނޭނގޭކަން ދޭހަވި ކަމަށް ބަތަލާވަނީ ބުނެފައެވެ.

އެހެންމީހުންގެ ޒާތީ ކަންކަމާ ބެހުމަށްވުރެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އިސްކަންދީ އަމިއްލަ ފިލްމީ ކެރިއަރާ މެދު ވިސްނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނެ ނައުޝީން ވަނީ ކަންގަނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތައް ކުޅެ ޤައުމީ އެވޯޑް ވެސް ހޯދާފައިވާ ބަތަލާއަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ގިނަ ބަޔަކަށް ފާޑުކިޔާ ފިލްމީ ތަރިއެކެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގައި އެކީގައި މަސައްކަތް ކޮށްފައިވާ ވަރަށް ގިނަ ފަރާތްތަކާ އެކު އަމިއްލަ ޤައުމުގެ ސިޔާސީ ކަންކަމަށް ވެސް ކަންގަނާ ވަނީ ފާޑުކިޔާފައެވެ. މީގެ ސަބަބުން ކަންގަނާއަށް ވަރަށްގިނަ ބައެއްގެ ނުރުހުން އަމާޒުވެ ފިލްމީ ދާއިރާގައި އެކީގައި އުޅުނު ގިނަ ފަރާތްތައް މިހާރު ވަނީ ހަތުރުންނަށް ބަދަލުވެފައެވެ. އޭގެތެރޭގައި އެންމެ ނަން މަޝްހޫރު އެކަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. ދާދިފަހުން މީޑިއާ ރިޕޯޓަރުންގެ ހާޒިރުގައި ބޭއްވުނު އިވެންޓެއްގައި ކަރަން ބުނެފައިވަނީ ކަންގަނާގެ ފާޑުކިޔުންތަކަށް ރައްދުދޭން ބޭނުންނުވާ ކަމަށެވެ. ކަންގަނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "ޗަންދުރަމުކީ"އިންނެވެ.