09 Sep 2023, 06:56
ޖިއޯ ސްޓޫޑިއޯއާއި އާމިރު ޚާންގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ފިލްމު "ލާޕަތާ ލޭޑީސް" ޓީޒާއާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ދުވަސްކޮޅަކަށް ފިލްމު ޑައިރެކްޓްކުރުމާ ދުރުގައިހުރި އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯގެ ޑައިރެކްޝަނެކެވެ.
ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ މި ފީޗަރ ފިލްމު އަންނަ އަހަރުގެ ޖަނަވަރީ މަހު 5ވަނަ ދުވަހު ސިނަމާތަކަށް އަންނައިރު މި ފިލްމު ވަނީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި އިއްޔެ ޕްރިމިއާކޮށްފައެވެ. އާމިރު ޚާން ޕްރޮޑިއުސްކުރާ މި ފިލްމަކީ، ހެއްވާ މަޖާ ހާދިސާތަކުން އޯޑިއަންސް ހެއްވާލާނެ ފިލްމަކަށްވާނެކަމުގެ ޔަގީންކަން ކިރަން ރާއޯގެ އިތުރުން އާމިރު ޚާންވެސް ވަނީ ދީފައެވެ.
މި ފިލްމަކީ، އެކްޓުކުރުމުގެ މަސައްކަތުން އާމިރު ޚާން ދުރަށްޖެހިލުމަށްފަހު ފިލްމު އުފެއްދުމަށް އިސްކަންދޭން ނިންމިކަން އިއުލާނުކުރިފަހުން އިއުލާނުކުރި ފުރަތަމަ ފިލްމުވެސްމެއެވެ. އާމިރުގެ ކުރީގެ އަންހެނުން ކިރަން ރާއޯ ވަނީ މީގެ ކުރިން އެކްޓަރުގެ ކެރިއަރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ލަގާން" އުފެއްދުމުގައި ވެސް ބައިވެރިވެފައެވެ. އޭރު ކިރަން އާމިރު އާއެކު މަސައްކަތްކުރީ އެސިސްޓެންޓެއްގެ ރޯލްއިންނެވެ.
ފިލްމު "ލާޕަތާ ލޭޑީސް"ގެ ވާހަކަ ބިނާކޮށްފައިވަނީ ކައިވެންޏަށްފަހު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދާ ދެ އަންހެނެއް ހޯދުމުގެތެރޭގައި ފަޅާ އަރާ ކަންތައްތަކެއްގެ މައްޗަށެވެ. މި ފިލްމުގެ މުހިއްމު ރޯލް ކުޅެފައިވާ ތަރިންގެތެރޭ ނިތާންޝޯ ގޮއެލް، ޕްރަތިބާ ރާންތާ، ސްޕާޝް ޝްރިވާސްތަވް އަދި ރަވީ ކިޝަން ހިމެނެއެވެ.
ފިލްމު "ބޭޅިޔާ"، "ދާސްވީ" އަދި "މިމީ"ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޖިއޯ ސްޓޫޑިއޯއިން މި އަހަރު އެންމެ އަވަހަށް ގެނެސްދޭނެ ފިލްމުތަކުގެތެރޭ، ޝާހްރުކް ޚާންގެ ފިލްމު "ދުންކީ"، އަމީތާބް ބައްޗަންގެ ފިލްމު "ސެކްޝަން 84" އަދި ސަނީ ޑިއޯލްގެ ދަރިފުޅު ރާޖްވީރު ބޮލީވުޑަށް ތަޢާރަފްވާ ފިލްމު "ދޯނޯ" ހިމެނެއެވެ.