މިމަހުގެ 24ވަނަ ދުވަހު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ބަތަލާ ޕަރިނީތީއާ ބެހޭގޮތުން ލޯބިވެރިޔާ ރާގަވް ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.

ޔޫޓިއުބަ ރަންވީރު އައްލަހުބާދިއާއެކު ކުރިޔަށްދިޔަ ހާއްސަ އިންޓަވިއުއެއްގައި ރާގަވް ބުނެފައިވަނީ، ޕަރިނީތީއާ ފުރަތަމަ ފަހަރަށް ބައްދަލުވި ދުވަހަކީ ވަރަށް ހާއްސަ ދުވަހެއްކަމަށެވެ. ދެ ލޯބިވެރިންގެ ފުރަތަމަ ބައްދަލުވުމާ ބެހޭ ތަފުސީލަށް އެދުމުން ރާގަވް ބުނެފައިވަނީ ދެ މީހުން ކޮންމެ ގޮތަކަށް ބައްދަލުވިނަމަވެސް އެއީ ޙަޔާތުގައި އައި އެއްމެ ހާއްސަ ދުވަސްކަމަށެވެ.

ޕަރިނީތީ ޙަޔާތުގެ ބައިވެރިޔަކަށްވުމީ ރާގަވް އަބަދުވެސް އެކަމަށް ޝުކުރުވެރިވާނެކަމެއްކަމަށާއި ދިރިއުޅުމުގައި އެއަށްވުރެ ބޮޑު އުފަލެއް އަދި ނުލިބޭކަމަށް ރާގަވްވަނީ މި އިންޓަވިއުގައި ބުނެފައެވެ. އިންޑިއާގެ ސިޔާސީ ޕާޓީ އާމް އާދުމީ ޕާޓީއަށް ނިސްބަތްވާ ޒުވާން ލީޑަރު ރާގަވްއަކީ ޒާތީ ޙަޔާތުގެ ކަންކަން އާއްމުކުރަން އެއްވެސް އިރެއްގައި ޝައުގުވެރިވާ ފަރާތެއް ނޫނެވެ.

ޕަރިނީތީއާއި ރާގަވްގެ ލޯބީގެ ގުޅުމުގެ ވާހަކަ އެންމެބޮޑަށް މީޑިއާގައި ތިލަވި ދުވަސްވަރުވެސް ރާގަވްވަނީ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. އިންޑިއާގެ އުދޭޕޫރުގައި ބާއްވަން ނިންމާފައިވާ ކައިވެނީގެ ޙަފުލާއާ ބެހޭގޮތުން ސުވާލުކުރުމުން ރާގަވްބުނީ ދެ މީހުންގެ ކައިވެންޏާ ގުޅިގެން ގިނަބަޔަކު އުފާފާޅުކުރަމުންދާއިރު އެ ޤައުމަށްވުރެ ބޮޑަށް އެކަމާ އުފާވާ ފަރާތަކީ ރާގަވްކަމަށެވެ.

ރާގަވް ޗައްދާއާއި ޕަރިނީތީގެ އެންގޭޖްމަންޓު ކުރެވިފައިވަނީ މިއަހަރުގެ މެއި މަހުއެވެ. ރާގަވްއަކީ ޕަރިނީތީ އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ގާތް ރަޙްމަތްތެރިއެކެވެ. ބަތަލާ ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު މިއަހަރު ބެލުންތެރިންނަށް ބަތަލާ ފެންނާނީ ކުރިޔަށްއޮތް އޮކްޓޯބަރު ހަޔެއްގައި ރިލީޒްކުރާ ފިލްމު "މިޝަން ރާނީގާންޖް"އިންނެވެ.

މި ފިލްމަށްފަހު ޕަރިނީތީގެ ފިލްމެއް ދެން ރިލީޒްކުރާނީ އަންނަ އަހަރުއެވެ. އެއީ މިހާރު މަސައްކަތް ނިމިފައިވާ ފިލްމު "އަމަރު ސިންގް ޗަމްކީލާ"އެވެ.