ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ ވާޖިބަށް ހުރަސްއަޅައި މާލޭ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ، ސިޓީ ކައުންސިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް އެދި މާލޭގެ ކޮންމެ ގެއަކަށް ކައުންސިލުން ސިޓީއެއް ފޮނުވަން ފަށައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރަކު ސަން އޮންލައިނަށް މިއަދު ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ސަން އަށް ކޮޕީލިބިފައިވާ އެ ސިޓީގައި ކައުންސިލްގެ ލެޓާ ހެޑްގައި މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ސޮއި ކުރައްވައި ސިޓީ ކައުންސިލުން ކޮންމެ ގެއަކަށް މިއަދު ބަހަން ފެށި ދެ ސޮފްހާގެ ސިޓީގައި ބުނެފައި ވަނީ މާލޭގެ ފަސްގަޑުގައި މާލޭގެ ރައްޔިތުން ނިކަމެތި ވެގެން ދިޔަ ނުދިނުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެ ކައުންސިލަށް މުހިންމު ވެފައިވާ ކަމަށާއި ސިޓީ ކައުންސިލަށް ދަތިކުރަމުންދާ މިދަނޑިވަޅަކީ ރައްޔިތުން ކައުންސިލާއި އެކު ތިބެންވީ ވަގުތު ކަމަށެވެ.

"ކަންކަމަށް ހައްލެއް ހޯދުމަށާއި، މާލޭގެ ފަސްގަނޑުގައި މާލޭގެ ރައްޔިތުން ނިކަމެތިވެގެން ދިޔަ ނުދިނުމަށް ތިޔަ އެންމެ ރައްޔިތުންގެ ހިޔާލާއި ބައިވެރިވެވަޑައިގަތުން ސިޓީ ކައުންސިލަށް ނުހަނު ބޭނުމެވެ. ވީމާ، މިކަމާމެދު ރައްޔިތުންގެ ހިޔާލުފުޅެއް ދެއްވުމަށް މި ކައުންސިލާ ގުޅުއްވާލެއްވުމަކީ ކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ،" ސިޓީގައިވެ އެވެ.

ފެބުރުއަރީ ހަތެއްގައި ސަރުކާރު ބަދަލުވީއްސުރެ ސަރުކާރުން ކުރަމުން އަންނަ ކަމަކީ ކައުންސިލްގެ ވާޖިބާއި މަސައްކަތްތަކަށް ހުރަސް އަޅައި ބިރުދެއްކުން ކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައި ވަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް އެ ކައުންސިލްގެ ދަށުގައި ހުރި ވަސީލަތްތައް ސަރުކާރުގެ ދަށަށް ބަދަލުކުރަމުން އަންނަނީ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން އެމީހުން މަހުރޫމް ކުރުމަށް ކަމަށެވެ.

"ސަރުކާރުގެ މި އަމަލުތަކުން ހާމަވާ އެއްކަމަކީ ސަރުކާރާ ވިސްނުން ތަފާތުވާ ކޮންމެ ބަޔަކަށް މި ރާއްޖޭގައި ދިރިއުޅުމަށާއި ހިދުމަތް ލިބި ގަތުމަށް ހުރަސް އެޅުއްވުމުގެ ވަރަށް ވަރުގަދަ މަޝްރޫއެއް ފައްޓަވާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ހިދުމަތްތައް ހަމަޖެއްސުމަށް ގާނޫނު އަސާސީންނާއި ރައްޔިތުން އިންތިހާބު ކުރާ މީހުން [ލޯކަލް ކައުންސިލް ތަކުން] ތިބެގެން ދިނުމަށް އޮތް އޮތުން ބާތިލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމެވެ،" ސިޓީގައިވެ އެވެ.

އެ ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ މާލޭގެ ރައްޔިތުން ކުރިއެކޭ ވެސް އެއްގޮތަށް ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ފިތި މާލޭގެ ރައްޔިތުން ބިކަވަގެން ދާނޭ ކަމެއް ކަމަށާއި އެކަމާ އަޅާ ނުލައި ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި މި ވަގުތަކީ މާލޭގެ ރައްޔިތުން އެބައިވަންތަވެ އެއްރޫހެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މި ކައުންސިލުން ދެކޭ ގޮތުގައި މި ހުރިހައި ކަންކަމަކީ ވެސް، މާލޭގެ ރައްޔިތުން އަނެއްކާ ވެސް ނިކަމެތި ކުރައްވައި، ރައްޔިތުންގެ ބާރުވެރިކަން ކުޑަ ކުރެއްވުމަށް ސަރުކާރުން ހިންގަވާ ކަންކަމެވެ. މި ވަރުގެ ކަންކަން ހިނގަމުންދާއިރު އަޅުގަނޑުމެން އިންތިހާބު ކުރެއްވި ރައްޔިތުންނަށް މި ވާހަކަތައް އަންގައި، ދެންނެވުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ދެކެމެވެ،" ސިޓީގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި ސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ ގަރާރުނެރެފަ އެވެ. ދަރުބާރު ގެއާއި އުސްފަސްގަނޑު އަދި ރާޅުގަނޑުގެ މައްސަލައިގައި ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު މައްސަލަވަނީ ހޫނުވެފަ އެވެ. އެ މައްސަލަ މިހާރު އޮތީ އެލްޖީއޭގަ އެވެ. އަދި އުސްފަސްގަޑު އަތުލަން ވެސް ސަރުކާރުން މިހާރު ވަނީ ނޯޓިސް ފޮނުވާފަ އެވެ. ސިޓީ ކައުންސިލްގައި އޮންނަނީ އެމްޑީޕީގެ މެޖޯރިޓީ އެވެ.