މިހާރު ރާއްޖޭގައި ކުރަމުން އަންނަނީ ވަރަށް އަނިޔާވެރި ވެރިކަމެއް ކަމަށާއި ދިވެހި ރައްޔިތުން އޭނާއަށް ވެރިކަން ހަވާލުކޮށްފިނަމަ އެ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ނިންމުމުގެ ގޮތުން ގިނަ އަދަދެއްގެ އާއްމުންނާއެކު ބޭއްވި ހިނގާލުމަށްފަހު އާޓިފިޝަލް ބީޗްގައި ހުންނަވައި މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަން ކުރުމުން ހެޔޮ ބަދަލުތަކެއް ގައުމަށް އަންނާނެ ކަމަށެވެ. އެކަން އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާދަމާ ނިންމަން ޖެހޭ ނިންމުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ. އެއީ ތުއްތު ކުދިންނާއި އިސްރަށްވެހީންގެ އިތުރުން އެންމެންގެ ހައްގުގައި ނިންމަން ޖެހޭ ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާދަމާ ވޯޓްލާން ވަނީ ފަހުރުވެރި ދިވެއްސެއްކަން ހިތުގައި ބިންވަޅު ނަގައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ހިތާރޫހުން ނިންމުން ނިންމަން ޖެހޭ، އަޅުގަނޑު ދޭނެ ޔަގީންކަމަކީ އެންމެ އިސް ވާޖިބަކީ ގައުމީ ވާޖިބު. ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިނިވަން ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ޖިހާދެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށާއި އެއީ ކޮންމެ ދިވެއްސަކު ވެސް ކުރަން ޖެހިފައިވާ ގައުމީ މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދު ވަނީ އަނދަވަޅެއްގައި ކަމަށާއި މި ސަރުކާރުން އެކަނި 113 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި ކަމަށެވެ. އެ ދަރަނި ދައްކާނެ ގޮތް އެނގިލައްވާ ކަމަށާއި ފުރުސަތު ދެއްވައިފިނަމަ އިގްތިސާފު ކޮޅަށް ޖަހައި ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަސް އަހަރު އަށް ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ 40 އަހަރު ޗާޕްކުރި ހަ ބިލިއަން ރުފިޔާއަށް ވުރެން އިތުރު އަދަދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާގެ ސަރުކާރެއްގައި ފައިސާ ޗާޕް ކުރުން ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެކިއެކި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތަކީ އިންތިޚާބަށް ދެތިން ހަފްތާއަށް ވުމުން، "ކަނޑާއި ޖައްވުން" ބިން ދިނުން ނޫން ކަމަށެވެ. އެ ދިން ގޯތިތައް އަތުނުލައި އިމާރާތް ކުރެވޭނެ މަގު ފަހި ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.