08 Sep 2023, 17:40
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެ މަނިކުފާނު ނެންގެވި ސެލްފީގެ އަދަދަށް ވުރެ ވާދަވެރި ކެންޑިޑޭޓުންނަށް ލިބިލައްވާ ވޯޓުގެ އަދަދު މަދުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މާދަމާ ވޯޓުލާން ފަށާއިރު ކެމްޕޭން ނިންމަވައިލެއްވުމަށް ހަވީރު އުސްފަސްގަނޑުގައި ބޭއްވި އެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، މި އިންތިޚާބު ނިމިއްޖެ ކަމަށާއި އިރާދަކުރެއްވިއްޔާ މާދަމާ ރޭ އުސްފަސްގަނޑުގައި އޮންނާނީ އެއްބުރުން އިންތިޚާބު ކާމިޔާބުކޮށް، އުފާފާޅު ކުރުން ކަމަށެވެ. ވަރަށް ޔަގީން ކަމާ އެކު ރައީސް ވިދާޅުވީ، ކެމްޕޭންގައި އެ މަނިކުފާނު ނެންގެވި ސެލްފީއާ އެއްވަރަށް ވެސް ވާދަވެރިންނަށް ވޯޓު ނުލިބޭނެ ކަމަށެވެ.
"އަޅުގަނޑު މި ކެމްޕޭންގައި ނެގި ސެލްފީގެ އަދަދަށް ވެސް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓަށް ވޯޓު ނުލިބޭނެ. ސެލްފީގެ އަދަދަށް ވުރެ ވެސް އިރާދަ ކުރެއްވިއްޔާ މަދުވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ފާހަގަކޮށްލެވުނީ މިދިޔަ އިންތިޚާބުގައި ވެސް ވަރަށް ގިނަ ސެލްފީ ނެންގެވި ބޭފުޅެއްގެ ގޮތުގައެވެ. މި ކެމްޕޭންގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް އާންމުކޮށް އެ މަނިކުފާނު ސަޕޯޓަރުންނާ އެކު ސެލްފީ ނަންގަވައެވެ.
ކެމްޕޭން ނިންމަވައިލެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ކުރީގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް އެނބުރި ދާން އެއްވެސް ދިވެއްސަކު ބޭނުންނުވާ ކަމަށާއި އެހެންވެ، މާދަމާ އެންމެން ނުކުމެ ރައީސް ހޮވައިދެއްވާނެ ކަމަށެވެ.
"އެއްވެސް ދިވެހި ރައްޔިތަކު ނޭދޭ، ކުރީގައި އޮތް އަނިޔާވެރި ކަމަށް އެނބުރި ދާކަށް،" ރައީސް ވިދާޅުވިއެވެ.

ކެމްޕޭން ނިންމަން އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ، ކުޑަކުދިންނާއި ޒުވާނުންނާއި އިސްރަށްވެހިންނަށް ވެސް ކަންކަން ކޮށްދީފައިވަނީ މި ސަރުކާރުން ކަމަށެވެ. ކުރީގެ ވެރިކަންތަކުން އުޅުނީ ކަންކަން ފޮރުވައި މަތި އަޅައިގެން ކަމަށާއި މައްސަލަތައް ހުރިކަން ގަބޫލުކޮށް، އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
"މިކަން ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ. މާދަމާ ރޭ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތަނަށް އެއްވާނީ އުފާފާޅު ކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.