މިހާތަނަށް ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރާހާ ތަފާތު ބޮޑުކޮށް އެމަނިކުފާނު މާދަމާގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސްގެ ކެމްޕޭން ޖަލްސާއަށް އެންމެ ފަހު ރަށަކަށް ކ. ހިންމަފުއްޓަށް މިއަދު ހަވީރު ވަޑައިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ފެނިފައި ވަނީ، ރައީސަށް އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރެވޭތަން ކަމަށެވެ.

އެގޮތުން ހިންމަފުއްޓަށް ވަޑައިގަތުމުން ވެސް ފެންނަނީ އެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

"ހިންމަފުށީގައި ވެސް އެންމެން އަރާ މި ތިބީ ހަމަ އެއް އޮޑިއެއްގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތް ބަލައިގަންނަކަން އެންމެ ބޮޑަށް ފެންނަ އެއް ރަށަކީ މި ދާއިރާއިން ހިންމަފުށި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، އިންތިޚާބީގެ ކާމިޔާބީގައި ހިންމަފުށީގެ އިތުރުން މި އަތޮޅު ތުލުސްދުއާއި ހުރާގެ ރައްޔިތުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ ރެއަކީ އަޅުގަނޑުމެން މިކަމުގެ އުފާ ފާޅުކުރާނެ ރޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހިންމަފުއްޓާއި މި އަތޮޅު ހުރާއަށާއި ތުލުސްދޫއަށް ވެވަޑައިގަންނަވާ ވައުދުތައް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި:

  • މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން

  • ޕޮލިސް ސްޓޭޝަން ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ދިނުން
  • ޔޫތު ސެންޓަރު ގާއިމުކުރުން
  • ޕިކްނިކް އައިލެންޑެއް ގާއިމުކުރުން