08 Sep 2023, 16:32
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދެއްވުމަށް، އެ ޕާޓީގެ ކޯލިޝަނުގައި އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އާދޭހާ އެކު އެދިވަޑައިގެންފިއެވެ.
މިހާރު ވެސް ކެމްޕޭންގައި ރަށްރަށަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ސިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ މަނިކުފާނު ތާއީދުކުރައްވާފައިވާ ކެންޑިޑޭޓު ނަންބަރު ތިނެއް، ރައީސް ޞާލިޙަށް ވޯޓު ދެއްވުން އެދި ރައްޔިތުންގެ ކިބައިން އާދެހާ އެކު އެދިވަޑައިގެންފައެވެ.
އެމްޑީއޭއިން ވަނީ، މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައެވެ. އަދި، މި ކޯލިޝަންގައި އަދާލަތު ޕާޓީ ވެސް ހިމެނެއެވެ.
މާދަމާ ހެނދުނު 08:00 ގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށޭއިރު، މިއަދުގެ އިރުއޮއްސި 6:00ގެ ނިޔަލަށް ކެމްޕޭން ކުރުމުގެ މުއްދަތު ހަމަވާނެއެވެ.
އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނިންމައިލުން އޮތީ މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ފަހަރެވެ. ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރެއިން އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކާއި ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުން ހިމެނެއެވެ.
މި އިންތިޚާބުގައި 282،395 މީހުންނަށް ވޯޓު ލެވޭއިރު އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.