މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ދިވެހީން ވޯޓުލާ ގޮތަކުން މި ގައުމު ބޭރުގެ ނުފޫޒުތަކުގެ ދަށުވެ، އަމިއްލަ ބާރު ކުޑަވެގެން ހިނގައިދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ގައުމާ މުޚާތަބު ކުރައްވާ މުއިއްޒު ވިދާޅުވީ، މާދަމާ ލާ ވޯޓަކީ ގައުމުގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އަދި މިނިވަން ދިވެހިރާއްޖެއެއް ދަރީންނާއި ދަރިންގެ ދަރީންނަށް ފޯރު ކޮށްދިނުމަށްޓަކައި ނިންމާ އަމާނާތްތެރި، އިހްލާސްތެރި ނިންމުމަކަށް ވާން ޖެހޭ ކަމަށެވެ.

"ޕީޕީއެމާ ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ އަނބުރާ ދިވެހީންނަށް ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނުކުމެ މިތިބީ ވަރުގަދަ އަޒުމެއްގައި،" އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެނެސް، މި ގައުމަށް ރަށްވެހިކަމާއި އާރޯ ކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނެސްދޭނަން،"

މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭ ތަރައްގީ އަމަލީ ގޮތުން ގެނެސްދެވޭނެ ސަރުކާރެއް އަނެއްކާ ވެސް ގާއިމު ކޮށްދެވޭނީ ޕީޕީއެމް/ޕީއެންސީއަށް ކަމަށެވެ. އަދި، އޭނާގެ ވެރިކަމެއްގައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެ ކަމުގެ އިހްސާސް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މި ވައުދުވަނީ، ދިވެހި ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ އަމާޒަށް މާތް ﷲގެ ވާގިފުޅާ އެކު މި ދިވެހިރާއްޖެ ގެންގޮސްދިނުމަށް. ރެޔާއި ދުވާލު ތެދުވެރިކަމާ އެކު ގައުމަށް ޚިދުމަތްކޮށް، މި ގައުމުގެ މަޖްދާއި ކަރާމާތް ދެމެހެއްޓުމަށް. ދިވެހި ގައުމަށާއި ރައްޔިތުންނަށް ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވެސް މުއިއްޒު އެދިވަޑައިގަތީ މާދަމާ އޭނާއަށް ވޯޓު ދެއްވުމަށެވެ.

"އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންގެ އުންމީދުތައް އަޅުގަނޑު ހަގީގަތަކަށް ހަދައިދޭނަން. ރައްޔިތުންގެ ހައްގުގައި ވަފާތެރި ވެރިކަމެއް އަޅުގަނޑު ކުރާނަން. ތެދުވެރި އިހްލާސްތެރި ވެރިއެއްގެ ގޮތުގައި އަދި ދިވެހި ދަރިއެއްގެ ގޮތުގައި ދެމި ހުންނާނަން،" އޭނާ ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު މުއިއްޒަށް ލިބިވަޑައިގަތީ ސެނެޓުގައި ބޭއްވި ޕްރައިމަރީއަކުންނެވެ.

މި އިންތިޚާބުގެ ކެމްޕޭނަށް މުއިއްޒު ވަނީ 91 ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އޭނާގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުން އޮންނާނީ މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިގެންނެވެ.