މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމަކަށް ބޭރުގެ ނުފޫޒެއް ނުފޯރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާއި މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ފުއާދު ވިދާޅުވީ، އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ބޭނުންވާ އެހީތެރިކަން ފުލުހުންނާއި ސިފައިންގެ ފަރާތުން ވެސް އެންމެ ފުރިހަމައަށް ލިބޭކަމަށެވެ.

"ހުރިހާ ރަށަކަށް އެއްޗެހި ފޮނުވި އިރުވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފުލުހުން އެކަން ކޮށްދިނީ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ވެސް އީސީއަށް އެއްބާރުލުން ލިބޭކަމަށެވެ. އަދި މި އިންތިޚާބު ވާނީ މީހުން ގަބޫލުކުރާ އިންސާފުވެރި އިންތިޚާބަކަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

ބައެއް އިންޑިއާ މީހުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ފުއާދު ވިދާޅުވީ، އެ މައްސަލަތައް އީސީއަށް ލިބިފައި ވާކަމަށެވެ. އަދި އެ މައްސަލަތައް ވެސް ބަލާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މައްސަލަ ބެލިބެލިމުން އެނގުނީ އެއީ އިންޑިއާ މީހުންނާ ދިވެހިން ކައިވެނިކޮށް ލިބިފައިވާ ކުދިންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހަމަ ދިވެހި ކުދިން. ދިވެހި އައިޑީ ކާޑު ވެސް ލިބިފަ ވާ ކުދިން އެއީ. އަޅުގަނޑުމެންނަށް ލިބުނު އެއްވެސް ޝަކުވާއެއްގައެއް ނެތް އިންޑިއާ ރައްޔިތުން ހިމެނިފައެއް،" ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން މި އިންތިޚާބަށް ބޭރުގެ ބައެއް ގައުމުތަކުގެ ނުފޫޒު ފޯރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، މި އިންތިޚާބަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ އިންތިޚާބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާދަމާގެ އިންތިޚާބަކީ އިންސާފުވެރި މިނިވަން އިންތިޚާބަކަށް ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން އީސީގެ އިލްތިމާސެއްގެ ގޮތުގައި ފުއާދު ވިދާޅުވީ، ވޯޓުލާ ނިމުމަށް ފަހު އެންމެން ވެސް ގެއަށް ދިއުމަށް އަވަސްވެގަތުމަށެވެ.

"ވޯޓު ލުމަށްފަހު އެހެން ކަމަކާ އުޅުއްވާށޭ އަޅުގަނޑު ބުނާނީ. ކެމްޕެއިންގެ ހަރަކާތްތައް ނުހިންގާށޭ އެހެންކަމަށް ވާނަމަ އަޅުގަނޑުމެން އޮންނަ އުސޫލުގެ މަތިން ފިޔަވަޅު ވެސް އަޅާނަމޭ،" ފުއާދު ވިދާޅުވިއެވެ.

އެނާ ވަނީ މި އިންތިޚާބަކީ ހަމަނުޖެހުން މަދު، އަމާން އިންތިޚާބަކަށް ހެދުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.