ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާ އެކު، އެ ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފަ އެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު އާއި ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކޮށް، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގެ ނިޒާމެއް ގާއިމްކޮށް، ފަރުވާދިނުމުގެ އެ ނިޒާމަކީ، ދިވެހި ދައުލަތުގެ ޚަރަދުގައި ހިންގާ ނިޒާމެއް ކަމުގައި ކަނޑައަޅައި، ތެލަސީމިއާ ކޮންޓްރޯލް ކުރުމާއި، އެ ބަލީގެ ފަރުވާގެ ނިޒާމް ހިންގުމުގެ ޢާންމު އުޞޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ތެލަސީމިއާ ކަމަށް، މި ޤާނޫނުގައި ބުނެފައި އެވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ކުއްޖާގެ ލޭގައި ހުންނަން ޖެހޭ މާއްދާއެއް ކަމުގައިވާ ހީމޮގްލޮބިން ހުންނަން ޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ، ލޭގައި ތަރުތީބު ވެގެންދާން ޖެހޭ ގޮތަށް ތަރުތީބުވެގެން ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަން ޖެހޭ މިންވަރަށް، ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ސިއްހީ ހާލަތްތަކެވެ.

މި ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން، ދިވެހި ރައްޔިތުން ތެލަސީމިއާއިން ރައްކާތެރިކުރުމާއި، ރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލް ކުރުމާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމާއި، ތެލަސީމިއާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ އާންމު ޒިންމާ، ގައުމުގެ ފެންވަރުގައި އުފުލައި، އެންމެކުރީ ސަފުގައި ހަރަކާތްތެރިވުމަށްޓަކައި، [ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު]ގެ ނަމުގައި ސެންޓަރެއް، މި ގާނޫނުގެ ދަށުން މިއަދު އުފެދުނީ އެވެ.