15:30


ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ ހިންގުން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު 12 ގަޑިއިރު ނުވަނީސް އިސްތިއުފާދެއްވައިފި އެވެ.


ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން ހަތަރު ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލުކުރައްވައި އެކަމުގެ ޤަރާރު ވަނީ ރޭ ނެރުއްވައިފަ އެވެ.


އެހެން ނަމަވެސް، އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލްއުސްތާޒް އަހްމަދު މުރާދާއި އަލްއުސްތާޒް މުހައްމަދު އިބްރާހިމާއި މއ. ބްލޫ ގްރާސް، މުރާދާއި ބ. އޭދަފުށީ، ކެލާ، އައްޝައިޚު ފައްޔާޒް ޢަލިމަނިކު އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ މުހައްމަދު އިބްރާހިމް އިސްތިއުފާދެއްވާފައިވާކަން އޭނާ އަމިއްލައަށް ސަންއެފްއެމަށް މިއަދު ކަށަވަރުކޮށްދެއްވާފައިވެ އެވެ.


މުހަންމަދު އިބްރާހީމް ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު 12 ޖަހާކަންހާއިރު އިސްތިއުފާ ދެއްވީ، އޭނާ އަށް ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި މައުލޫމާތާ ޚިލާފަށް އެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމުން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅަކު ރޭ އެދިވަޑައިގަތީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދިނުމަށް އުފައްދަވާ ވަގުތީ ކޮމިޝަނެއްގައި ބައިވެރިވެވިދާނެތޯ ކަމަށް އޭނާ ވިދާޅުވި އެވެ.  އެހެން ނަމަވެސް، ފަހުން ރައީސް އޮފީހުން އިއުލާނު ކުރެއްވީ އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވި.


ސަންއެފްއެމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މުރާދު އިސްތިއުފާ ދެއްވީ އެ މައްސަލައިގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދެވުމަށް ފަހުގަ އެވެ.


މުރާދާއި މުހައްމަދު އިބްރާހިމާއި ފައްޔާޒު އަލިމަނިކުގެ އިތުރުން، އެ ދެ މުއައްސަސާގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވި އަނެއް ބޭފުޅަކީ މ. ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ. އޭނާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.