ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު އެއް ސިފައަކީ ގައުމުގެ ބައިތުލްމާލަށް ރައްކާތެރިވުން ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ދިނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ "ނޫނު. އެމްވީ"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އޭނާ ވަނީ ވެރިއެއްގެ ކިބައިގައި ހުންނަނެ ޖެހޭ މުހިންމު ސިފަތައް ކިޔައިދެއްވާފައެވެ.

އެގޮތުން އަދުލުވެރިކަމުގެ ނިޒާމް ރަނގަޅު ކުރުމާއި މަޝްވަރާގެ މަތިން ވެރިކަން ކުރުމަކީ އިސްލާމީ ވެރިކަމެއްގައި މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައުދަށް ރައްކާތެރިވެ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ހެޔޮ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ އާދައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިފަތަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިބައިގައި އެބަހުރި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ޓަކައި މަސައްކަތް ކުރެއްވި ތަން. އެންމެ ބޮޑު އެއް ވައުދަކީ ކޯލިޝަން ދަމަހައްޓާނެކަން އަދި ކޯލިޝަން ތެރޭގައި ގޮސް ވެރިކަން ކުރާނެކަމަށް ވީ ވައުދު،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޯގާތެރިކަމުގެ ސިފައަކީ ވެސް ވަރަށް މުހިންމު ސިފައެއްކަމަށް އޭނާ ވިދާޅުވިއެވެ. އެސިފަ ރައީސް ޞާލިޙްގެ ފަރާތްޕުޅުން ފެންނަކަމަށާއި އެމަނިކުފާނަކީ ހަތުރުންނާއި މިތުރުންނާ ވެސް އެކުގައި މަސައްކަތް ކުރައްވާ ހިތްތިރި ބޭފުޅެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަަށް ފެނިގެން ދިޔައީ މަޝްވަރާގެ އުސޫލުން އެންމެންނާ ގުޅިގެން ވެރިކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑު ސިޔާސީ ހަލަބޮލި ކަމަކުން ރާއްޖެ ސަލާމަތްވެފައި ވާތަން،" އޭނާ ވިދާޅުވިއެވެ.

ރައީސް މަސައްކަތް ކުރައްވަނީ މި ރާއްޖެއަކީ އުފާވެރި އަމާން ރާއްޖެއަކަށް ހެދުމަށްކަމަށް އިލްޔާސް ވިދާޅުވިއެވެ.