އަޖޭ ދޭވްގަންއާއި އާރް މާދްވަން (މެޑީ) އެކީގައި ފިލްމަކަށް ސޮއިކޮށްފިއެވެ.

ސައުތު ސިނަމާގެ ބަތަލާ ޖޮއިތިކާވެސް ވަރަށް މުހިއްމު ރޯލް ކުޅޭނެ މި ފިލްމަކީ، ސުޕަ ނޭޗުރަލް ތުރިލާއެކެވެ. މި ފިލްމަކީ ޖޮއިތިކާގެ ހިންދީ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރުވެސްމެއެވެ. އިއްޔެގެ ވަގުތެއްގައި މި ފިލްމު އިއުލާނުކޮށްފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއްގެގޮތުގައި ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 8ވަނަ ދުވަހެވެ.

އަޖޭ ދޭވްގަންގެ އަމިއްލަ ފިލްމު ކުންފުންޏާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ ވިކާސް ބާލްއެވެ. ވިކާސް ބާލް ދާދިފަހުން ގެނެސްދިން ފިލްމުތަކުގެތެރޭ "ގުޑް ބާއި" ހިމެނެއެވެ. ވިކާސް ބާލްއަކީ ބަތަލާ ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅުނު "ކުއީން"ގެވެސް ޑައިރެކްޓަރެވެ. ވިކާސްގެ ފިލްމެއް ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ޓައިގާ ޝްރޮފްއާއި ކްރިތީ ސެނޮން ލީޑްރޯލް ކުޅޭ ފިލްމު "ގަންޕަތު: ޕާޓް1"އެވެ.

އަޖޭއާއި އާރް މާދަވަންގެ ފިލްމު އިއުލާނުކޮށްފައިވާއިރު ފިލްމާ ގުޅޭ ތަފުސީލުތައް އަދި ހިއްސާއެއް ނުކުރެއެވެ. އަޖޭއާއި މެޑީގެ އިތުރުން ބަތަލާ ޖޮއިތީއަކީވެސް ފިލްމު އިންޑަސްޓްރީގެ އެންމެ ތަޖުރިބާކާރު ތަރިންނަށްވެފައި މިފިލްމަކީ ވަރަށް ކޮލިޓީ ރަގަޅު ފިލްމަކަށްވާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި އަހަރަކީ އަޖޭ ދޭވްގަންގެ ގިނަ ފިލްމުތަކެއް ރިލީޒްވި އަހަރަކަށްވީ ނަމަވެސް މިއަހަރު ވެސް އެކްޓަރު އަންނަނީ އިތުރު ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ބަތަލާ ތައްބޫއާއެކު ކުޅޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ހޭ" ހިމެނެއެވެ. މީގެ އިތުރުން ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގަމް އަގެއިން"ގެ މަސައްކަތް ފެށުމަށްވެސް އަޖޭ އަންނަނީ ތައްޔާރުވަމުންނެވެ. އަޖޭ މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "މައިދާން" މި އަހަރު ޖޫން މަހު ރިލީޒްކުރުމަށް ނިންމުމަށްފަހު އަނެއްކާވެސް ފިލްމު ރިލީޒްކުރާ ތާރީޚު ވަނީ ފަސްކުރެވިފައެވެ.