އިއްޔެ ރިލީޒްކުރެވުނު ޝާހްރުކް ޚާންގެ އެކްޝަން ތުރިލަރ ފިލްމަށް ފުރަތަމަ ދުވަހުއެކަނިވެސް 70 ކްރޯޑް ރުޕީސްގެ އާމްދަނީ ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ޢަދަދާއެކު ފިލްމު "ޖަވާން"ވަނީ މިއަހަރު ޖަނަވަރީ މަހު ރިލީޒްވި ޝާހުގެ "ޕަތާން" ފަހަތަށް ޖައްސާލާފައެވެ. މިއީ ހަމައެކަނި އިންޑިއާގައި ފިލްމު "ޖަވާން" ރިލީޒްކުރި ދުވަހު ފިލްމަށް ލިބުނު އާމްދަނީގެ ޢަދަދުކަމަށްވާއިރު އިންޑިއާއިން ބޭރުގެ ޤައުމުތަކާއެކު ފިލްމަށް ލިބޭނެ ޢަދަދު މިއަށްވުރެ އިތުރުވާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝާހުގެ ރިލީޒްކުރެވުނު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް "ޖަވާން"ވެފައިވާއިރު މި ފިލްމުގެ އެޑްވާންސްޑް ބުކިންގްސްގެ ވެސް 5.57 ލައްކަ ޓިކެޓް ވަނީ ވިކިފައެވެ. ފިލްމީ ދާއިރާ ޓްރޭޑް އެނަލިސްޓުން ލަފާކުރާގޮތުގައި "ޖަވާން" ބޮކްސް އޮފީހުގެ 100ކްރޯޑް ކްލަބަށް ވަންނަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ. އަނެއްކޮޅުން ފިލްމު ރިލީޒްކުރެވުނުތާ މާގިނަ އިރެއްނުވެ މި ފިލްމު ސްކްރީން ރެކޯޑިންގްތަކެއް ވަނީ އިންޓަނެޓުގައި ދައުރުވާން ފަށާފައެވެ. މިއީވެސް ފިލްމުގެ ވިޔަފާރި އޭގެ ނޭދެވޭ އަސަރުތަކެއް ކުރުވަފާނެކަމެއް ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރި ފިލްމު "ޖަވާން"އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ސްކްރިޕްޓް ލިޔެ ތައްޔާރުކުރި ޑައިރެކްޓަރުގެ ފުރަތަމަ ހިންދީ ފިލްމެވެ. ޝާހްރުކް ޚާންގެ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނަ މި ފިލްމަކީ ރެޑް ޗިލީސް އެންޓަޓެއިމަންޓްއާ ގުޅިގެން އުފެއްދި ފިލްމެކެވެ. ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާ ނަޔަންތާރާގެ އިތުރުން ވިޖޭ ސެތުޕަތިއާ މުހިއްމު ރޯލް ކުޅެފައިވާ މިފިލްމުގައި ބަތަލާ ދިޕިކާ ޕަދުކޯންގެ ވަރަށް މުހިއްމު އެހާމެ ހާއްސަ ފެނިލުންތައްވަނީ ހިމަނާފައެވެ.