ކުޑަކުދިންގެ ދުވަހުގެ ތަހުނިއްޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފޮނުއްވައިފި އެވެ.

ކުޑަކުދިންގެ ދުވަހުގެ ތަހުނިއްޔާ އާއި ހެޔޮއެދުންތައް ރައީސް ފޮނުއްވާފައި ވަނީ މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ކަމުގައިވާތީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގަ އެވެ. މިތަނުނިއްޔާގައި އެކުދިންގެ އާއިލާތައް ވެސް ވަނީ ސާމިލްކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ސަރުކާރުން ފާހަގަކުރައްވަމުން ގެންދަނީ ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށާއި ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލް ކަމަށްވުމާ އެކު އެކުދިންގެ ފާގަތި ކުރިއެރުމެއް ލިބޭނީ އެކުދިންނަށް ރަނގަޅު ތައުލީމަކާއި ހަރުދަނާ ތަރުބިއްޔަތެއް ދެވިގެން ކަމަށެވެ.

އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިންމުކަމާއި އެކުދިންނަކީ ފުރިހަމަ ސިއްހަތެއްގައި ބޮޑެތިވާ ކުދިބަޔަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ރައީސް ފާހަގަކުރައްވި އެވެ.

ކުޑަކުދިންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ފޯރުވައިދީ އެކުދިންނަށް ރީތި ގޮތްތައް ދަސްކޮށްދީ، އަހުލާގީ ގޮތުން ނަމޫނާ ބަޔަކަށް ހެދުމަށާއި ހަރުދަނާ ތަރުބިއްޔަތަކާ އެކު އެކުދިން ބޮޑުކޮށް، ގައުމަށާއި މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެކުދިންގެ ބެލެނިވެރިންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދުނިޔޭގައި ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަސް ރާއްޖޭގައި ވެސް މިއަދު ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކުރައްވާފަ އެވެ. ދުވަހާ ގުޅިގެން މާލޭގެ ސްކޫލްތަކުގައި ތަފާތު ހަރަކާތްތައް ވަނީ ހިންގާފަ އެވެ.