ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއަށާއި ޚާއްސަކޮށް އައްޑޫ ސިޓީއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ގޮތެއް ހަމަ ނެތް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް، އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އިނގިރޭސިން އައްޑޫގައި ގާއިމުކުރި އިންފްރާސްސްޓްރަކްޗާއަށް ވުރެ ބޮޑެތި ޚަރަދުތައް އައްޑޫއަށް މި ފަސް އަހަރު ތެރޭގައި ކޮށްފި ކަމަށެވެ. އެގޮތުން ހަމައެކަނި އެއާޕޯޓް ތަރައްގީކުރުމަށް ޓަކައި ސޮއި ކޮށްފައި މިހާރު ހުރި މަޝްރޫއުތަކަށް ބެލިޔަސް ފުދޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ޞާލިޙުގެ ދެވަނަ ދައުރު އައްޑޫ ސިޓީ ރައްޔިތުން ނިންމާލާނީ ފަޚުރުވެރި އައްޑޫ ދަރީންގެގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން އައްޑޫއަށް އޮތް ތަސައްވަރުގައި ކުލަޖެހެމުން ދަނީ. އެހެންވީމަ ދަންނަވަން އޮތީ އިބޫ ނޫން ގޮތެއް ހަމަ ނެތޭ. މުޅި ރާއްޖެއަށް އިބޫ ނޫން ގޮތެއް ނެތް. އަދި އަމުދުން މި އައްޑޫއަކަށް ވެސް އިބޫ ނޫން ގޮތެއް ނެތް. ހަމަ ނެތް،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވާދަވެރީން ދައްކާ ވާހަކަތައް ދެކޮޅެއް ނުޖެހޭ ކަމަށާއި އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ގެންގުޅެމުން އައި ސިޔާސަތުގެ ސަބަބުން އައްޑޫ އަތޮޅަށް ވަކި މޮޅުތަކެއް ނުލިބޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ހަމައެކަނި ރަށްރަށުގައި ހިންގާފައި އަދި ހިންގަމުން އަންނަ މަޝްރޫއުތަކަށް ބެލިކަމުގައި ވިޔަސް، އެއީ ސްލޯކޮށް ކުރެވޭނެ ކަންކަމެއް ނޫން އެނގޭނެ ކަމަށެވެ.

"މިއީ ކުރުކޮށް ކުޑަކޮށް އަދި ސްލޯކޮށް ކުރެވޭނެ ކަމެއް ނޫން. ހަގީގަތުގައި ހަމައެކަނި މި މަސައްކަތްތަކަށް ބަލައިލި ކަމުގައިވިޔަސް، އެބަ އެނގޭ ސްލޯއެއް ނޫންކަން، ފާސްޓުކަން ފުރިހަމަކަން ޕްރޮޑަކްޓިވްކަން އިފެކްޓިވްކަން އަޅުގަނޑުމެންނަށް އެނގި ސާބިތުވެގެން މިދަނީ،" އަސްލަމް ވިދާޅުވިއެވެ.

ޝަންގްރިއްލާގެ މައްސަލައިގައި ވެސް ސަރުކާރުން ކުރާންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާފައިވާކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ މިހާރު ހިއްކުނު ތިން ރަށާއި އިތުރު ދެ ރަށާއެކު ހަންކެޑެ، ވެސް ޓޫރިޒަމަށް މިހާރު އޮތީ ފައްކާވެ، ނިމިފައިވާ ކަމަށާއި އަދި ހަންކެނޑެއަށް ބޭނުންވާ ބްރިޖު އެޅުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަސްލަމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މުޅި ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ.

އޭގެ އިތުރުން މާޒީގައި ތަޖުރިބާ ކުރަންޖެހުނު އަނިޔާވެރިކަމުގެ ތެރެއަށް އެނބުރިދާން ދިވެހީން ބޭނުން ނުވާ ކަމަށާއި އަދި މިހާރު ފެށިފައި ހުރި މަގުތަކާއި ބަނދަރުތަކުގެ އިތުރުން އުމްރާނީ ތަރައްގީ ހުއްޓި ވަޅު ޖެހޭކަށް ވެސް އަމުދުން ބޭނުމެއް ނޫން ކަމަށެވެ.