މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ޑްރަގް ކޯޓުގެ މުވައްޒަފުންނަށާއި ޑްރަގު ކޯޓުގެ ގާޒީންނަށް ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ފެށި އެ ޕްރޮގްރާމަކީ ޑްރަގް ކޯޓްގެ އެދުމުގެ މަތިން ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޕޮލިސް އެކަޑަމީ އަދި ފޮރެންސިކް ސައިންސް ޑައިރެކްޓްރަޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވަނީ މުޖުތަމައުގައި އާންމުކޮށް ބޭނުންކުރާ މަސްތުވާ އެއްޗިއްސާ ބެހޭ ގޮތުންނާއި މަސްތުވާތަކެތި ބޭނުން ކުރުމުން ދިމާވާ ސައިޑް އިފެކްޓްތަކާއި ފޮރެންސިކްގައި މަސްތުވާތަކެތި ތަހުލީހު ކުރާ ގޮތްތަކުގެ އިތުރުން ތަހުލީލުކުރާ މަސްތުވާތަކެތީގެ ނަތީޖާ އާ ބެހޭ ގޮތުން ފުލުހުން އަމަލު ކުރާ ގޮތްތަކާއި ގަވާއިދުތަކުގެ މައްޗަށެވެ.

ފޮރެންސިކް ޑްރަގް ޓެސްޓިން އާ ބެހޭ ގޮތުން ހިންގާ އެ ޕޮރްގްރާމްގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނަށާއި ގާޒީން އިތުރަށް ހޭލުންތެރިވެ، މަސްތުވާތަކެތީގެ މައްސަލަތައް ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދޭނީ ނޭޝަނަލް ޑްރަގް އެޖެންސީގެ އިސް ބޭފުޅުންނާއި ފުލުހުންގެ ތެރެއިން އެކަމުގެ ތަޒުރިބާ ލިބިފައިވާ ބޭފުޅުން ކަމަށް ވެސް ފުލުހުން ބުންޏެވެ.