މާލެއިން ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނު ކުރި 34 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރު ފެނިއްޖެއެވެ.

އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 7:00 ގައެވެ. ގެއްލުމުގެ ކުރިން އެންމެފަހުން އޭނާ ފެނުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފެނިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އަބްދުލްޣައްފާރަކީ މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔެގެން މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ފުލުހުންނަށް ފިލަން ފާޚާނާ ތެރެއަށް ވަދެ އޮއްވާ މިދިޔަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރީ އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާތީ ކަމަށް ބުނެއެވެ. ނަމަވެސް، އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ.