މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔުމުން، މީގެ ކުރިން ހައްޔަރު ކުރި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔެގެން މިިދިޔަ އަހަރު މެއި މަހު ހައްޔަރުކުރި އަބްދުލްޣައްފާރު އަބްދުލްޣަފޫރު (34)އެވެ. ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އޭނާ އާއިލާއަށް ޙަބަރެއް ނުވެ ގެއްލިފައިވާކަމަށް ރޭ 7:00 ހާއިރު ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަބްދުލްޣައްފާރު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:00 އެހާކަށްހާއިރުކަމަށާއި އޭރު އޭނާ ލައިގެން ހުރީ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެެ.

މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ އަބްދުލްޣައްފާރު ހައްޔަރުކުރީ ފުލުހުންނަށް ފިލަން ފާހާނާ ތެރެއަށް ވަދެ އޮއްވާ މިދިޔަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރީ އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާތީ ކަމަށް ބުނެއެވެ. ނަމަވެސް، އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ވަނީ އަބްދުލްޣައްފާރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ރިޕޯޓްކުރަން އެދިފައެވެ.