07 Sep 2023, 19:28
އައިޖީއެމްއެޗްގެ ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުން ބާއްވާ 'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ކޮންފަރެންސަކީ، އައިޖީއެމްއެޗުން އިންތިޒާމު ކޮށްގެން ބާއްވާ ނަފްސާނީ ދުޅަހެޔޮކަމުގެ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ ''ޗޭންޖިން ކަރަންޓްސް : ފޯމިން ކަނެކްޝަންސް" ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ބުނީ މި ކޮންފަރެންސް ގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވާ އެކަމާ ގުޅޭ ވާހަކަ އާންމުކުރުންކަމަށެވެ.
މީގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަށް އެއްތަނެއްގައި މުޢާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތުވެސް މި ކޮންފަރެންސްގެ އަލީގައި ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި އިވެންޓުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާ ތަކާއި، އީޖާދީ އުކުޅު ތަކާ ބެހޭގޮތުން އެކިއެކި އެކަޑަމިކް ޕްރެޒެންޓޭޝަން ތައް ކުރިއަށް ދާނެ ކަމަށާއި، އަދި މިހާރު ހުރި ގޮންޖެހުން ތަކުގެ އިތުރުން، ހުރި ފުރުސަތު ތަކާއި، ހެކީގެ މައްޗަށް ބިނާކޮށް، ގާއިމުކުރާ ސިޔާސަތު ތަކުގެ މުހިންމުކަމާ މެދު، ކީ ނޯޓު ސްޕީޗުތައް ކުރިއަށް ގެންގޮސް، ޕެނަލް ޑިސްކަޝަންތަކާއި ތައުލީމީ ޕްރި ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެން 16 އާ ހަމައަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެފަދަ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދައިދޭފަދަ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުމަށްކަމަށެވެ.
މީގެ އިތުރުން ވެސް ދިރާގުން އަންނަނީ އާންމުންގެ ހެވާ ލާބައަށް ޓަކައި އެކި މުއައްސަސާ ތަކުން ކުރަމުން އަންނ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދި ފަހުންވެސް ދިރާގުންވަނީ އިންސާނިއްޔަތައްޓަކައި ރެޑް ކްރެސެންޓުން އިންތިޒާމުކޮށްގެން ބާއްވާ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.