10 May 2012, 16:02
ރައީސުލްޖުމްހޫރިއްޔާ ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ތިން އަހަރަށް ފަހު އަމިއްލަ މީޑިއާތައް ބައިވެރިކުރަން ފަށައިފި އެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މާދަމާ އިންޑިއާ އަށް ވަޑައިގެންނަވާ އިރު އެ ދަތުރުފުޅުގެ އެކިއެކި އިވެންޓްތައް ކަވަރުކުރުމުގެ ފުރުސަތު، ޓީވީއެމްގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކަށް ވެސް ވަނީ ސަރުކާރުން ދީފަ އެވެ.
ރައީސް ވަހީދު މާދަމާ އިންޑިޔާ އަށް ފައްޓަވާ ދަތުރުފުޅުގައި ބައިވެރިވާ މީޑިއާތައް ތަމްސީލްކުރާ ފަރާތްތައް އިންޑިޔާ އަށް ދިއުމަށް ޓަކައި މިއަދު ވަނީ ފުރައިފަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެފަދަ އިންވެންޓްތައް ކަވަރުކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ވެސް ހުޅުވާލުން ކަމަށާއި މީގެ ފަހުން ރައީސް ވަހީދުގެ ދަތުރުފުޅުގައި ދެވެން އޮތް މިންވަރަކުން ޕްރައިވެޓް މީޑިއާތައް ބައިވެރިކުރާނެ ކަމަށެވެ. އަދި އަބަދުވެސް ފުރުސަތު ނުލިބޭ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުން އެކަންތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ ފްރީ މީޑިއާއަކަށް ދޫކޮށްލުން. މިހާރު ސަރުކާރުގެ އެއްވެސް މީޑިއާއެއް ނުހުންނާނެ. އެހެންވެ ދެވެން އޮންނަ ކޮންމެ ފުރުސަތެއްގައި އީކުއަލީ ހުރިހާ މީޑިއާތަކަށް ވެސް ފުރުސަތު ދޭނެ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ވަހީދު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވާ ޓީވީ ޗެނަލްތަކުގެ ތެރޭގައި ޓީވީއެމްގެ އިތުރުން ޕްރައިވެޓް ޓީވީތަކުން، ދި ޓީވީ އާއި ވީ ޓީވީ ހިމެނޭއިރު އޮންލައިން ނޫހެއްގެ ގޮތުގައި ސަން އޮންލައިން އަދި ޕްރިންޓް މީޑިއާ އެއްގެ ގޮތުގައި ހަވީރު ހިމެނޭ ކަމަށެވެ.
ރައީސް އޮފީހުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް އޮފީހުގެ ދަތުރެއްގައި މީޑިއާއަކަށް ފުރުސަތު ދީފައި ވަނީ ޓީވީއެމަށް އެކަންޏެވެ.
ސަރުކާރުން ކުރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރައީސް ނަޝީދުގެ ސަރުކާރުގައި އަމިއްލަ މީޑިއާތަކަށް ނުލިބޭ ކަމުގެ ޝަކުވާ އެފަރާތްތަކުން ކޮށްފައިވާ އިރު މީޑިއާތައް ތަމްސީލްކުރާ ބައެއް އަމިއްލަ ޖަމިއްޔާތަކުން ވަނީ ސަރުކާރުން މީޑިއާތަކަށް ދޭ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި ޕްރައިވެޓް މީޑިއާތަކަށް ވެސް ދިނުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލައިފަ އެވެ.